ޝަނާޔާއާއި ވިކްރާންތުގެ ފިލްމުގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދޮށީ ދަރިފުޅު ޝަނާޔާ ކަޕޫރު ފިލްމީ ދާއިރާއަށް ތައާރަފުވާ "އާކޯން ކީ ގުސްތާ ކިޔާ"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމަކީ ޕްރޮޑިއުސަރު މާންސީ ބަގްލާ އާއި ވަރޫން ބަގްލާ ފިލްމު ކުންފުނިން ޒީ ސްޓޫޑިއޯސްއާ މިނީ ފިލްމްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ޝަނާޔާއާ މި ފިލްމުގެ ލީޑް އެކްޓަރުގެ ގޮތުގައި ފެންނާނީ ބޮޑު މަގުބޫލުކަމެއް ހޯދި "ޓުވެލްތު ފެއިލް"ގެ އެކްޓަރު ވިކްރާންތު މަސޭއެވެ. ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ވިކްރާންތު ލޯފަން މިއުޒީޝަނެއްގެ ގޮތުގައި ފެންނައިރު ޝަނާޔާ ފެންނާނީ ތިއޭޓަރުގައި މަސައްކަތްކުރާ ފަންނާނެއްގެ ގޮތުގައެވެ. ފިލްމު "އާކޯން ކީ ގުސްތާ ކިޔާ"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުސްތާންޓައިމްސް ޝަނާޔާއަކީ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ނިސްބަތްވާ ކަޕޫރު އާއިލާއިން އެންމެ ފަހުން ފިލްމީ ދާއިރާއަށް ތައާރަފުވާ ޒުވާނާއެވެ. ޝަނާޔާގެ ކުރިން އެ އާއިލާއިން ފިލްމީ ދާއިރާއަށް އެންމެފަހުން ތައާރަފުވެފައިވަނީ "ދަ އާޗީސް"އިން ފިލްމީ ކެރިއަރު ފެށި ޚުޝީ ކަޕޫރެވެ. ޝަނާޔާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާނެކަން ވަރަށް ކުރިން އިއުލާނުކުރި ނަމަވެސް އޭނާގެ ފިލްމެއް ސިނަމާތަކަށް މި ގެންނަނީ އޭގެ އަހަރުތަކެއް ފަހުންނެވެ. މީގެ ކުރިން ދަރުމާއިން ފިލްމު އިންޑަސްޓްރީއަށް ލޯންޗުކުރާނެ ކަމަށް ބުނި ޝަނާޔާގެ އަތުގައި މިހާރުވެސް ބޮޑު ހަތަރު ޕްރޮޖެކްޓެއް އެބައޮތެވެ. އޭގެތެރޭގައި ދަރުމާ ޕްރޮޑަކްޝަންސްގެ މަގުބޫލު ފްރެންޗައިސް "ސްޓޫޑެންޓް އޮފް ދަ އިޔާ"ގެ ތިންވަނަ ބައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ