އިނގިރޭސި ލީގު ކަޕްގައި ޗެލްސީ އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ނިއު ކާސަލް އިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު މި ދެޓީމު ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފައިވާއިރު, ރޭގެ މެޗުގައި ކޯޗް އެންޒޯ މަރެސްކާ ވަނީ އެ މެޗުގައި ކުޅުނު ގިނަ ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދީ ބަދަލު ކުޅުންތެރިންނަށް މި މެޗުން ފުރުސަތު ދީފަ އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކް ގައި ކުޅުނު މި މެޗުގެ 23 ވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުގައިވެސް ޗެލްސީ ކޮޅަށް ލަނޑު ޖަހާފަ އެވެ.
ނިއު ކާސަލްއިން މި މެޗުގެ 26 ވަނަ މިނިޓުގައި ޖަހާފައިވާ ދެވަނަ ލަނޑަކީ ޗެލްސީގެ ޑިސާސީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފްގައި ޗެލްސީގެ ކުޅުން ރަގަޅުކޮށް އެ ޓީމުން ވަނީ ރަގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން ޖޮއާއޯ ފީލިކްސް އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ ނަގާލާފައެވެ. އަދި ނޯނީ މަޑުއޭކޭ ކުޅެން އެރުވުމާއެކު ޗެލްސީގެ ކުޅުން އިތުރަށް ރަގަޅުވި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.
2022-23 ވަނަ އަހަރުގެ ލީގު ކަޕްގެ ފައިނަލުގައި ކުޅެފައިވާ ނިއުކާސަލް ޔުނަޓެޑް އަށް ވަނީ 1955 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތުގެ ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކުރެވޭ ގޮތް ނުވެފަ އެވެ.
ޗެލްސީ ބަލިކޮށް ނިއުކާސަލް ކުއާޓަރ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ