ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލުމާއި އެކު ޕާސްޕޯޓު ހިފަހައްޓަން ޖެހޭ: ސުޕްރީމް ކޯޓު

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލުމާއި އެކު ދައުވާ ލިބޭ މީހާގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފަހައްޓަން ޖެހޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސީލައިފް ފްލެޓުތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.
މިއީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަށް ދިނުމަށް އެދި އަންމަޓީގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. އެ ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ނިންމީ ބޭސްފަރުވާއަށް 20 ދުވަހުގެ މުއްދަތަކަށް ދިއުމަށް ހުއްދަ ދިނުމަށެވެ. މި މަހުގެ 06 އިން 20 ގެ ނިޔަލަށް ދޫކުރި ހުއްދަ ހައިކޯޓުން ވެސް ދަމަހައްޓާފައިވަނިކޮށް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އަންމަޓީ މީގެ ކުރިން ފިލައިގެން ގޮސްފައިވާއިރު އެ އިހުތިމާލު އޮތުމުގެ ހާލަތަށް ބަދަލެއް އައިކަން ފެންނަން ނެތްކަމަށެވެ.
ކޯޓުގެ ހުކުމުގައި ވަނީ ބޭސްފަރުވާއަށް ފުރައިގެން ދިއުމުގެ ހުއްދަ ދޭންވާނީ ޕާސްޕޯޓު ދޫކޮށްލުމުގެ ބަދަލުގައި އޭނާއަށް ފިލައިގެން ނުދެވޭނެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު އެ ފިޔަވަޅުތަކުގެ ތެރެއިންކަމަށެވެ.
މި މައްސަލަ ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި،ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމުގައި ބުނީ ކޯޓުން އެއްބާރުލުން ދެމުން ދިއުމާއި ކޯޓަށް ފިލުމުގެ އިހުތިމާލް ކްރިމިނަލް ކޯޓުން ގެންގުޅުއްވި ގޮތް ސާފު ނުވާކަމަށެވެ.
މި މައްސަލައިގައި ފަނޑިޔާރުންގެ ރައުޔުގައި ވަނީ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ފިލައިފި ނަމަ ޖިނާއީ އަދުލުގެ ނިޒާމުގެ ވާގިނެތި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅޭނެ ކަމަށެވެ. އެކަން އެގޮތަށް ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި ބުނެފައި ވަނީ ގާނޫނުލްއުގޫބާތުގެ 11 ވަނަ މާއްދާގައި ބަޔާން ކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއި އެކު ދައުވާ ލިބޭ ފަރާތަށް ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް އެންގުމާއި އެކު އެފަދަ މީހުން ބްލެކްލިސްޓުކޮށް އެފަދަ މީހުން ބޭރަށް ނުފުރޭ ގޮތް ހަދަން ޖެހޭނެ ކަމަށެވެ.
މިގޮތަށް އެ މީހުން ފުރުން މަނާވެފައި އޮންނަ އޮތުން އިސްތިއުނާފީ މަރުހަލާ ނިމެންދެން ދަމަހައްޓަންޖެހޭކަމަށާއި، ޖިނާއީ ބޮޑު މައްސަލައެއްގައި ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ މީހެއްގެ ބޭސްފަރުވައަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ބޭސްފަރުވާއެއްކަމަށް ޑޮކްޓަރަކު ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށްކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ހުކުމުގައި ބުނެފައި ވަނީ ޑޮކްޓަރުގެ ރައުޔާއި މެދު ޕީޖީ ދެކޭ ގޮތް ސާފު ކުރުމަށް ފަހު އެ މީހަކު އެނބުރި ރާއްޖެ އަންނާނެކަން ކަށަވަރު ކުރުމާއި ކަނޑައެޅޭ ޝަރުތުތަކުގެ ތެރެގައި ކަފާލާތެއްގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާއާއި އެއްވަރެއްގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގެރެންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެޗްޑީސީ އާއި ސީލައިފާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި މަޝްރޫއުގެ މައްސަލައިގައި އައްމަޓީގެ މަައްޗަށް 42 ދައުވާ ވަނީ އުފުލާފަ އެވެ. އެއްބަސްވުމުގައި ވާ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް މަސައްކަތް ކުންފުނިން މަސައްކަތް ފަށާފައި ނުވެ އެވެ. އަދި ފެލްޓު ގަންނަން ހުށަހެޅި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ނަގާފައިވާ އައްމަޓީގެ މައްޗަށް ކުރެވެނީ، މަކަރާއި ހީލަތުން އެ ފައިސާ ނަގައި ހިޔާނާތް ވީކަމުގެ ތުހުމަތެވެ.
އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2021 މެއި 30 ގައެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ