ކްރިމިނަލް ކޯޓުން ޝެއިހް ފަޒްލޫން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓު

މިދިޔަ ޖޫންމަހު ގަލޮޅުދަނޑުގައި އޮތް ޔޯގާޑޭގެ ހަރަކާތުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ހައްޔަރުކުރި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ކޯޓުން މިނިވަންކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މައްސަލައިގެ އިސްތއުނާފު އަޑުއެހުމާއި ހުކުމްކުރުން މިއަދު ހައިކޯޓްގައި ކުރިއަށްގެންގޮސްފައިވާއިރު، ކްރިމިނަލްކޯޓުން ޝައިހް ފަޒްލޫން ދޫކޮށްލުމަށް ނެރުނު އަމުރު ނެރުނީ ގޯސްކޮށް ކަމަށް ވަނީ  ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
ޔޯގާޑޭގެ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި ޝައިހް ފަޒްލޫން ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭގެ ފަހުން ދެތިން ފަހަރެއްގެ މަތިން ޝައިހް ފަޒްލޫންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު ޖުލައި މަހުގެ 22 ވަނަ ދުވަހު ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ޝައިހް ފަޒްލޫން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޝަރުތުތަކާއެކު އޭނާ ބަންދުންދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިއަދު ހައިކޯޓުން ބާތިލްކޮށްފައިވާ ކަމަށާއި، ލިވާތު ކުރާ މީހުންނަށް ހާއްސަ ގާނޫނު ނުހިންގާ ދިނުމުގައި އޮންނަ ހުކުމެއް ބަޔާންކޮށްދިނީމަ ހާއްސަ ގާނޫނު ހިނގާތީ ކަންބޮޑުވާ ކަމަށެވެ.
ހައިކޯޓުގެ މިއަދުގެ ހުކުމްގައި ބަޔާންކޮށްފައިވަނީ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޝައިހް ފަޒްލޫން އަލުން ބަންދު ކުރުމަށް ދައުލަތުން އެދޭނަމަ އެ ހުކުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށެވެ.
ޔޯގާޑޭގެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް އެކި ފަހަރު މަތީން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބައެއް ފަރާތްތައް ބަންދުން ވަނީ ދޫކޮށްލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އެ ދުވަހުގެ ހަމަނުޖެހުންތައް ހިނގުމުގެ ކުރިން ޔޯގާ ހަރަކާތް ކުރިޔަށް ނުގެންދެވޭނެކަމަށް އެ ސަރަހައްދުގައި ބައެއް އާއްމުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެއްވުމުގެ ބައިވެރިން ދަނޑުގެ ތެރެއަށް ވަނުމަށް މަސައްކަތްކޮށް، ކުއްލި ގޮތަކަށް ފުލުހުންގެ ސަފުތައް ފޫ އަޅުވާލި ގޮތާއި މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުން، އެދުވަހު އެ މީހުންނަށް ދަނޑުގެ ތެރެއަށް ވަދެވުނީ ފުލުހުން އެ ފުރުސަތު ދިނުމުންނެވެ. އަދި އޭގެ ސަބަބުން ދަނޑުގެ ތެރެއަށް ވަތް މީހުން ހަމަނުޖެހުން އުފައްދައި، އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ