މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާއެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިގޮތުން އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއްކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވާން ޖެހޭނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ރައްޔިތުން އަހަރެމެންނާ ޙަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”މުސްލިމް އަޚުންނޭވެ! ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. ޛާތީ މަޞްލަހަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. ރަސޫލު ޙަދީޘްކުރައްވައިފައި ބސްފުޅެއްގެ މާނައިގައި ވެއެވެ. ”ތިމާގެ އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން، ތިޔަބައިމީހުން ކުރެ އެކަކުގެވެސް އީމާންކަން ފުރިހަމަވެގެންވާ މީހަކު ކަމުގައި ނުވެއެވެ.“
ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ސިފަތަކެއްކަމަށާއި ތިމާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމަކީ މުއުމިނުންގެ ސިފައެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
މީގެ އިތުރުން ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމީ، ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއްކަމަށާއި އެކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައިވާ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކާ ދުރުހެލިވެ، އަމިއްލަ މަސްލަޙަތަށް ވުރެ، މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަންދީގެންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށް ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތު އަދާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާ މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއްގެ މައްޗަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އެގޮތުން ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކުރުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާއި އޭނާގެ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭއިރު އޭނާއަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ވަކީން ހާއްސަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ހަވާލުވެ ތިބި މީހުންނަކީ، ގިޔާމަތް ދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ޤިޔާމަތް ދުވަހު އެބައިމީހުންގެ އަހުދުތަކާއި ހުވާތަކަށް ހުރުމަތްތެރިކޮށް ހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެކަމަށާއި އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެކަމަށް ހުތުބާގައި ހަނދާންކޮށްދީފައެވެ.
މުޖުތަމައުގެ އެއްބައިވަންތަކަން ރައްކާތެރިކޮށް ދެމެހެއްޓޭނީ، ކަންކަމާ ހަވާލުވެތިބޭ މީހުން އިހުލާސްތެރިވެގެން: ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ