އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ދެމެދު، އީރާނާ އެކު ހަމަލާތައް ބަދަލުކުރަމުންދިޔަ ދުވަސްވަރު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ނަތަންޔާހޫގެ އޮފީހުން އިއްޔެ ދެއްކި ވާހަކަތައް ޔޫއޭއީން ދޮގުކޮށްފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވާ ގޮތުގައި، ނަތަންޔާހޫ މިދިޔަ މާޗު މަހު ޔޫއޭއީއަށް ދަތުރެއް ކުރައްވައި މުހައްމަދު ބިން ޒައިދުއާ ބައްދަލުކުރެއްވި އެވެ. އަދި މިއީ ދެ ގައުމުގެ ގުޅުމުގައި ލިބުނު "ތާރީހީ ކުރިއެރުމެއް" ކަމަށް ވެސް އެ އޮފީހުން ވަނީ ސިފަކޮށްފަ އެވެ.
ނަމަވެސް، ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ހާމަކަން ބޮޑު ގޮތެއްގައި އޮތް ގުޅުމެކެވެ. އަދި އެއީ ސިއްރު ނުވަތަ ނުރަސްމީ އިންތިޒާމުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
"ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް އިއުލާން ނުކުރާހާ ހިނދަކު، ސިއްރު ދަތުރުތަކާއި ހާމަނުކުރާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ދައްކާ އެއްވެސް ވާހަކައަކީ އެއްވެސް އަސާސެއް ނެތް ބާތިލް ވާހަކަތަކެއް،" މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
ރޮއިޓާސްއާ ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ބޭއްވީ 26 މާޗުގައި އޮމާންގެ ބޯޑަރު ކައިރީގައި އޮންނަ އަލް-އައިންގަ އެވެ. އަދި މި ބައްދަލުވުން އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ތެރޭގައި އަސްކަރީ ކަންކަން ވިލަރެސްކުރުމަށްޓަކައި އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ވެރިޔާ ޑެޑީ ބާނިއާ ވެސް އެތައް ފަހަރަކު ޔޫއޭއީއަށް ޒިޔާރަތްކުރި ކަމަށް އެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
މި ހަބަރު ފެންމަތިވެފައިވަނީ އީރާނުން ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތަކާ ގުޅިގެން ޔޫއޭއީ، އިޒްރޭލު އަދި އެމެރިކާގެ ސަލާމަތީ ގުޅުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ މި ހަފުތާގައި ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން ވަނީ ޔޫއޭއީގައި 'އަޔަން ޑޯމް' މިސައިލް އައްޑަނަ ނިޒާމުތައް ބަހައްޓައި އެކަމަށް ބޭނުންވާ ސިފައިން ވެސް ފޮނުވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުން ދިން ހަމަލާތައް ގަލްފުގެ އެހެން ގައުމުތަކަށް ވުރެ ބޮޑަށް އަމާޒުވެފައިވަނީ ޔޫއޭއީ އަށެވެ. މިގޮތުން އެ ގައުމުގެ އާންމު ހިދުމަތްތަކުގެ އިންފްރާސްޓްރަކްޗަތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާތައް ދީފައިވެ އެވެ.
ނަތަންޔާހޫ އާއި ޔޫއޭއީގެ ރައީސް ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށް އިޒްރޭލުން ބުނާ ވާހަކަ ޔޫއޭއީން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ