ދުނިޔޭގެ އެންމެ ވަރުގަދަ ދެ އިޤްތިޞާދުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯއްދެވުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ބައްދަލުވުންތައް މިއަދު ބެއިޖިންގައި ފައްޓަވައިފިއެވެ.
2017 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބާއްވާ މި ސަމިޓުގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުމާއި، އީރާނުގެ ނިއުކްލިއާ މައްސަލައިގެ އިތުރުން ތައިވާނާ ގުޅޭ ހައްސާސް މައުލޫއުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބުދަ ދުވަހުގެ ރޭ ޗައިނާއަށް ވަޑައިގަތުމުން ޓްރަމްޕަށް ވަނީ ވަރަށް ކުލަގަދަ މަރުހަބާއެއް ދަންނަވައިފައެވެ.
ރަސްމީ މަޝްވަރާތައް ފެށުމުގެ ކުރިން ޓްރަމްޕް ވަނީ ޗައިނާގެ އާސާރީ ބިނާއެއް ކަމަށްވާ "ޓެމްޕަލް އޮފް ހެވަން" އަށް ޒިޔާރަތްކުރައްވައިފައެވެ.
މި ދަތުރުފުޅުގައި ޓްރަމްޕްގެ އަރިހުގައި އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ ނުފޫޒުގަދަ ދެ ސީއީއޯއިން ކަމަށްވާ ޓެސްލާގެ އީލޮން މަސްކް އަދި އެންވިޑިއާގެ ޖެންސަން ހުއާން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ޗައިނާގެ ބާޒާރުގައި އެމެރިކާގެ ކުންފުނިތަކަށް އޮތް ފުރުސަތުތައް ފަހިކުރުމެވެ. އެގޮތުން، ދެ ޤައުމުގެ މެދުގައި އޮތް ވިޔަފާރީގެ ހަނގުރާމަ ފިނިކުރުމަށް އޮކްޓޯބަރު މަހު އެއްބަސްވި "ޓެރިފް ޓްރޫސް" ނުވަތަ އިމްޕޯޓް ޑިއުޓީ ބޮޑުނުކުރުމުގެ އެއްބަސްވުން ކުރިއަށް ގެންދާނެ ގޮތަކާ މެދު މިއަދު ގޮތްތަކެއް ނިންމާނެއެވެ.
ނަމަވެސް، މަޝްވަރާތަކުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ސަރަހައްދީ ސިޔާސީ މައްސަލަތަކެވެ. އީރާނުގެ މައްސަލައިގައި ޗައިނާގެ ނުފޫޒު ބޭނުންކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބާރުއެޅުއްވި ނަމަވެސް، ޓްރަމްޕް ވިދާޅުވީ އީރާނާ އޭނާ މުއާމަލާތް ކުރައްވާނީ ސީދާ ގޮތުން ކަމަށެވެ.
މީގެ އިތުރުން، ތައިވާނަށް ހަތިޔާރު ވިއްކުމުގެ މައްސަލައިގައި ވެސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަކީ އެމެރިކާގެ ކުރީގެ އުސޫލުތަކާ ތަފާތު، ސީދާ ރައީސް ޝީއާ ވާހަކަދައްކަވައިގެން ހައްލު ހޯއްދެވުމުގެ ސިޔާސަތެކެވެ.
ދެ ބޭފުޅުންގެ މެދުގައި އޮތް އަމިއްލަ ގުޅުން ވަރުގަދަ ކަމަށް ޓްރަމްޕް ފާހަގަކުރައްވާފައިވާއިރު، މި ދަތުރުފުޅަށްފަހު 2026 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ޝީ އެމެރިކާއަށް ކުރައްވާނެ ދަތުރުފުޅުގެ ތާރީޚު ކަށަވަރުވެގެންދާނެއެވެ.
ހުކުރު ދުވަހު މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު ޓްރަމްޕް ވޮޝިންގްޓަނަށް ފުރާވަޑައިގަންނަވާނީ މިރޭ ބާއްވާ ހާއްސަ ޖާފަތަށްފަހުގައެވެ.
ޓްރަމްޕާއި ޝީ ވިޔަފާރި އާއި ސިޔާސީ ބޮޑެތި މައްސަލަތަކުގެ މަޝްވަރާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ