ނޫސްވެރިންގެ ދިފާއުގައި ނުކުތް ބައެއް މީހުން ހައްޔަރުކޮށް، ނޫސްވެރިންނަށް ހުރަސްއަޅައިފި

ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަން ކުރުމަށާއި ނޫސްވެރިކަމުގެ ދިފާއުގައި ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
ރޭގެ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ. ގާތްގަނޑަކަށް 10 އަހަރުގެ މެދުކެނޑުމަކަށްފަހު ނަޝީދު މަގުމަތީގެ އިހުތިޖާޖަކަށް ނުކުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި އައިޝާ ޑޮކިއުމެންޓަރީ އެއްވެސް ގޮތަކަށް ފެތުރިގެން ދިޔުން މަނާކުރުމަށް ނެރުނު އަނގަބަންދުކުރުމުގެ އަމުރުގެ ހަބަރު އަދަދު ނޫހުގައި ލިޔުނު ނޫސްވެރިޔާ ލީވާން އަލީ ނަސީރު ޖަލަށްލުމާ ގުޅިގެން އެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލުމަށެވެ.
ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ މި މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ލީވާން 10 ދުވަހަށް އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، މި ދެ ނޫސްވެރިން ވަނީ މާފުށީ ޖަލަށް ލައިފަ އެވެ. 
ނޫސްވެރިން މިނިވަންކުރަން ގޮވާލާ މުޒާހަރާ ފެށުނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅިންނެވެ. ނަޝީދުގެ އިތުރުން ރޭގެ މުޒާހަރާގައި ނޫސްވެރިންނާއި ހައްޔަރުކޮށްފައިވާ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާންގެ އާއިލާގެ މެންބަރުންނާއި އެމްޑީޕީ އަދި ޕީއެންއެފްގެ ބައެއް މެންބަރުން ބައިވެރިވި އެވެ. 
މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ހިނގަމުން ދިޔައިރު، މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމީ ޕްރެސް ކޮންފަރެންސްގައި އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން، ރައީސް މުއިއްޒުއާ ކުރި ސުވާލު ތަކުރާރުކޮށް ގޮވަމުން ދިޔައެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ މުހިއްމު އެއް ހައްގަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޝަހުޒާން ކުރި ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ދަންވަރުގެ ވަގުތުތަކުގައި އަންހެނަކަށް ގިނަ އަދަދަކަށް ފޯނުން ގުޅުއްވި ސަބަބު ސާފުކުރުމަށް ކުރި ސުވާލެއް ކަމަށެވެ.
"އެ ސުވާލުގެ ޖަވާބު ނުދެއްވައި މީހަކު ގެންގޮސް ހިފާ ހައްޔަރު މިކުރީ. އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ތަނަވަސްކަމަށް ވެސް، ދިވެހި ރައްޔިތުންގެ ފުއްދުންތެރިކަމަށް ވެސް ނުހަނު ބޮޑު ލޮޅުމެއް އަންނާނެ ކަމެއް. މިކަމުގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކު ވެސް ތެދުވާނެ، އިހުތިޖާޖު ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.
މުޒާހަރާގެ ތެރެއަށް ޕީއެންއެފްގެ ސަޕޯޓަރުން ވެސް ވަނީ ގުޅިފައެވެ. ކުރީގެ ރައީސް ޔާމީންގެ ގެކޮޅު ކައިރިން މުޒާހަރާގެ ބައިވެރިން "އެލް ސޯފާ" އެއް ހިފައިގެން މުލިއާގެއާ ދިމާއަށް ދާން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އަލިކިލެގެފާނު މަގުން ސޯފާ އަތުލުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި މީހަކު ހައްޔަރުކުރި އެވެ. 
މުޒާހަރާގެ ބައިވެރިންނަށް އަލިކިލަގެފާނު މަގުން އެއްވެސް ކޮޅަކަށް ނުދެވޭނެ ގޮތަށް ބަންދުކޮށްފައި ވަނިކޮށް،  ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މުޒާހަރާގެ ބައިވެރިން އަލުން މަޖީދީ މަގަށް ނުކުމެ، ޗާންދަނީ މަގާއި މަޖީދީ މަގުގެ ހަތަރު އަނގޮޅީގައި އިށީނެވެ.
ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް، ފުލުހުން ރައިޓް ގިޔަރާއި ޝީލްޑާއެކު ނުކުމެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރި އެވެ. މި ކުރިމަތިލުމުގެ ތެރެއިން މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ހިމެނޭހެން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މުޒާހަރާ ކަވަރުކުރަން ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސް އެޅިކަމަށާއި، ބައެއް ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެ އެވެ. 
ޗެނަލް 13 ގެ ނޫސްވެރިޔާ މަރިޔަމް އިސްމާއީލް އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ، އޭނާ  ޕްރެސް ކާޑު ދައްކަމުން ދަނިކޮށް، އެސްއޯ ފުލުހުން  އޭނާއަށް ހަމަލާ ދިން ކަމަށެވެ.
"އަހަރެން ހަމައެކަނި ދުވާރުމަތީގައި މަޑުކޮށްގެން ހުއްޓާ، ޝީލްޑުން ވެސް އަހަރެންގެ ގައިގައި ޖެހި،" އޭނާ ބުންޏެވެ.
ފުލުހުން ރޭ ގަސްތުގައި ނޫސްވެރިންނަށާއި، ފޮޓޯގްރާފަރުންނަށާއި އަދި ވީޑިއޯގްރާފަރުންނަށް ހުރަސް އަޅާފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯޝިއޭޝަން (އެމްޖޭއޭ) އިން ބުނެފައިވެ އެވެ. ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ފުރުސަތު ފުރިހަމައަށް އޮންނަންޖެހޭނެ ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ. 
ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ކުރި މި މުޒާހަރާ ނިންމާލީ ދަންވަރުގެ ވަގުތެއްގައެވެ. މިރޭ ވެސް މުޒާހަރާ އޮންނާނެކަން އިއުލާނު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ