އީސީގެ މެމްބަރު ކަމަށް ނަޝާތުގެ ނަން ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ބޭފުޅެއްގެ ނަން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އެގޮތުން އީސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް މިއަދު ހުށަހެޅުއްވީ އަލީ ނަޝާތުގެ ނަމެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަކީލް މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަލީ ނަޝާތަކީ އީސީގެ ޑިރެކްޓަރެއްގެ މަޤާމް އަދާ ކުރައްވަމުން ގެންދަވާ ފަރާތެކެވެ.
ނަޝާތަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމައިދިނުމަށް އެދި، ރައީސް ޔާމީން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފަ އެވެ. އޭނާގެ ނަން ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުން ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެކޮމިޝަންގައި މިވަގުތު ތިއްބެވި ހަތަރު މެމްބަރުންނަކީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، ނައިބް ރައީސް އަމްޖަދު މުސްތަފާއާއި، ދެ މެންބަރުން ކަމަށްވާ އިސްމާއީލް ހަބީބާއި، އަހްމަދު އަކްރަމް އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޮމިޝަންގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ އެ މަޤާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އަލުން އައްޔަންކުރަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ