އިތުރު ވެންޓިލޭޓަރު ހޯދާ ގޮތާ ބެހޭގޮތުން މިނިސްޓަރު އަމީންއާ ސުވާލުކުރަން ހުށަހަޅައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު ގެންނަން ނިންމާފައިވާތީ އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކުރަން އެމްޑީޕީގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އަދި އަމާޒަކީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ގާއިމް ކުރުން ކަމަށާއި ވެންޓިލޭޓަރު ލިބުން ލަސްވަނީ މިހާރު މުޅި ދުނިޔޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވެސް ސަރުކާރުން އޭރު ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އަމީންއާ ސުވާލުކުރަން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ. އޭނާ އިއްޔެ ހުށަހަޅުއްވާފައި ވަނީ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށެވެ.
މީގެ އިތުރުން ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން އޭނާ ހުށަހަޅުއްވާފައިވެ އެވެ.
#COVIDー19 ގެ މިނާޒުކު ހާލަތުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރސް ހުރުމަކީ އެންމެ ބޭނުންތެރި އެއް ކަމަކަށް ވުމާއިއެކު، އަޅުގަނޑުގެ ހިތުގައި އުފެދޭ މި ސުވާލު ތަކަށް، ހެލްތް މިނިސްޓްރީން ޖަވާބު ހޯއްދަވައި ދެއްވުން އެދި މަޖްލީސް ރައީސް @MohamedNasheed ގެ އަރިހުން އެދެފިން.@MoHmv pic.twitter.com/8To02Yl3Dx— Haitham Ahmed (@ahmhaitham) April 10, 2020
މެމްބަރު ހައިތަމް ކުރެއްވި ޓްވީޓްރާއްޖޭގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރެވެ. އަދި އިތުރު ވެންޓިލޭޓަރު ހޯދުމުގެ މަސައްކަަތް ސަރުކާރުން ކުރަމުން އަންނައިރު، ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ވަނީ ވެންޓިލޭޓަރުގެ ދަތިކަން ކުރިމަތިވެފަ އެވެ. އެހެންވެ، ބައެއް ގައުމުތަކުން މިހާރު ދަނީ އަމިއްލައަށް ވެންޓިލޭޓަރު އުފައްދަމުންނެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ