ސަރުކާރުގެ އެންގުންތަކަށް ހުރިހާ އެންމެން ބޯލަނބަން މައުމޫން ގޮވާލައިފި

ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގުންތަކަށް ހުރިހާ އެންމެން ވެސް ބޯލަނބަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ނޭދުނު ނަމަވެސް ކޮވިޑް-19 ރާއްޖެ އައިސްފައިވާ ކަމަށާއި މި ބިރުވެރި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގެވުންތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އެންމެން ވެސް ބޯލަނބަންޖެހޭ ކަމަށެވެ.
"އޭރުން މާތްﷲ ގެ ވާގިފުޅާއެކު ސަލާމަތް ވެވިދާނެ" މައުމޫން ވިދާޅުވިއެވެ.
Alhugan'dumen kithamme neydhunas Covid-19 raajje athuvejje. Mi biruveri bali raajjey gai fethurana nudhinumah takaa sarukaaruge engevun thakah emmen boa laban jehey. Evves isthisnaa eh nethi. Eyrun Maaiy Allah ge vaagifulhaa eku salaamaiy vevidhaane. @HPA_MV @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) April 1, 2020
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.
އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، ސަރުކާރުން މިހާރު ވަނީ މި މަހުގެ 14 އިން 19 އާއި ހަމައަށް އެގައުމުން ރާއްޖެ އައި އެންމެން ޓެސްޓުކޮށް އެމީހުންނާ ކޮންޓެކްޓުވި މީހުން ވެސް ޓެސްޓު ކުރަން ނިންމާފައެވެ.
ރާއްޖެ އަށް މިހާރު އަންނަ ހުރިހާ ދިވެހިން ވެސް ސީދާ ކަރަންޓީނަށް ގެންދާއިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަށް ފަތުރުވެރިން އައުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރުން ދާދިފަހުން ވަނީ ކަރަންޓީނުގައި ތިބޭ އެންމެން ވެސް ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާނެކަން ވެސް އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ