އޭޕްރިލް އަދި މޭމަހުގެ ކަރަންޓް ބިލު ފޮނުވާނީ 40 ޕަސެންޓް އުނިކޮށްފައި: ސްޓެލްކޯ

ކުރިއަށް އޮތް އޭޕްރިލް އަދި މޭމަހުގެ ކަރަންޓް ބިލު ފޮނުވާނީ 40 ޕަސެންޓް ސަބްސިޑީ ހިމަނައިގެން ކަމުގެ ޔަގީންކަން އަރުވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ކޮވިޑް 19ގެ ސަބަބުން ގައުމުގެ އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށާއި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލުގެ 40 ޕަސެންޓް ސަބްސިޑައިޒް ކޮށްދޭން ސަރުކާރުން ނިންމާފައިވާކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ކަރަންޓު ބިލުގެ އިތުރުން ފެން ބިލުގެ 30 ޕަސެންޓް ވެސް ސަރުކާރުން ސަބްސިޑައިޒް ކޮށްދޭނެކަން އެދުވަހު ހާމަކުރިއެވެ.
ނަމަވެސް މިމަހުގެ ބިލުން އެއްވެސް ވަރެއް އުނިކޮށްފައިނުވާތީ ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އަންނަ އޭޕްރިލް އަދި މެއި މަހުގެ ބިލުތައް ތައްޔާރުކުރާނީ ސަބްސިޑީ ހިމަނައިގެން ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މިއަދު މާރިޗް މަހުގެ ބިލު ސްޓެލްކޯގެ އެޕްލިކޭޝަން އަދި އެސްއެމްއެސްގެ ޒަރީއާއިން ފޮނުވާފައިވާނެ ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ، މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު މޫސުމަށްވެފައި ގޭގައި ގިނަ ވަގުތު ތިބޭނެ އަދި ގިނަ އަދަދަކަށް ކަރަންޓު ބޭނުން ކުރަމުންދާނެ ދުވަސްވަރަކަށް ވާތީ އެކަމަށް ސަމާލުވެ ކަރަންޓުގެ ހަރަދު ކުޑަކޮށް، އިގްތިސާދު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އޭގެ އިތުރުން ބިލު ދެއްކުމުގައި ވެސް އެކުންފުނީގެ ވެބްސައިޓާއި އެޕްލިކޭޝަންގެ ބޭނުން ކުރުމަށް އިލްތިމާސްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ