ޓޫރިޒަމް ދާއިރާގެ އިސް ވެރިން، ކްރޮސްރޯޑްސްގައި، ފުރަތަމަ ފަހަރަށް

ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދާދި ފަހުން ހުޅުވި ކްރޮސްރޯޑްސްއަށް، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ހުރިހާ ވިޔަފާރިވެރިން މިއަދު ޖަމާވެ، ޓޫރިޒަމް ކޮންފަރެންސް ފަށައިފި އެވެ.
މާލޭގެ ދެކުނު ފަރާތުގައި އޮންނަ އެނބޫދޫ ފަޅު ހިއްކައިގެން، ތައިލެންޑްގެ ސިންހާ ކުންފުނިން ތަރައްގީކުރި 300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސްގައި، ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކުރި މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްގައި، 200 ބައިވެރިން ހިމެނެ އެވެ.
ނުވަ ރަށް ހިމެނޭ ގޮތަށް ޑިޒައިންކޮށްފައިވާ މުޅި މަަޝްރޫއުގެ އަގު 700 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޓޫރިޒަމް ކޮންފަރެންސް ބިނާކޮށްފައި ވަނީ ހަތަރު ސެޝަންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމް އާއި ސެކިއުރިޓީ، ތިމާވެށި، ސޯޝަލް އިންކްލޫސިވްނެސް، ބާރުވެރިކުރުވުމާއި ފަގީރުކަން ކުޑަކުރުމެވެ. އޭގެ އިތރުން ދިވެހި ފަންނާނުންނަށް ޓޫރިޒަމް ދާއިރާގައި ފުރުސަތު ބޮޑުކުރުމާ ގުޅޭ ހާއްސަ މަޝްވަރާތަކެއް ވެސް އޮންނާނެ އެވެ.
ކޮންފަރެންސް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން ޓޫރިޒަމް ދާއިރާއާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށް، ދާއިރާގެ މީހުންގެ ހިޔާލު ހޯދާ، މުހިއްމު ނިންމުންތަކެއް ނިންމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ރައްކާތެރި، އަމާން ތަނަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
"ޓެރަޒިމްގެ ތަފާތު ތްރެޓްތައް ދުނިޔޭގެ އެކި ހިސާބުތަކަށް އެބަ އާދޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ މި ގައުމަކީ އެންމެ ރައްކާތެރި އަދި އެންމެ ރީތި ގައުމުގެ ގޮތުގައި އަބަދުވެސް ބޭއްވުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ހިއްސާ ކުޑަކަމުން އެކަމުގެ ކަންބޮޑުވުން މިނިސްޓަރު ނެންގެވި އެވެ. ވިދާޅުވީ އަންހެނުންގެ ހިއްސާ އެންމެ ހަތް ޕަސެންޓްގައި އުޅޭ އިރު އެކަން ބަދަލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ވެސް އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން، ހަފްތާއަކަށް ބަހާލައިގެން ގިނަ ކަންތައްތައް ކުރިއަށްގެންދިޔަ އެވެ. މި ކޮންފަރެންސަކީ އޭގެ ތެރެއިން އެންމެ ފަހު ހަރަކާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ