ސަލީމް ފުރަތަމަ ފަހަރަށް މަޖިލީހުގެ ރިޔާސަތަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބުކުރެއްވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމް ފުރަތަމަ ފަހަރަށް ރިޔާސަތާ ހަވާލުވެވަޑައިގަތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގަރާރުގެ ބަހުސަށެވެ.
ރިޔާސަތަށް ވަޑައިގަތުމަށްފަހު ސަލީމް ވިދާޅުވީ، އޭނާއަކީ އެކަމަށް އެންމެ އިލްމީ އަދި އެންމެ ގާބިލު މީހާ ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގައި އޭނާއަށް ވުރެ އެކަމަށް އިލްމީ އަދި ގާބިލު މީހުން ތިއްބެވިކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، އޭނާއާ މަގާމު ހަވާލުކޮށްފައިވާތީ އެ މަގާމުގެ މަސްއޫލިއްޔަތުތަކައިގެން ކުރިއަށް ދެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
”އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑު ހަމަ އިހުލާސްތެރިކަމާއެކީ މި މަސައްކަތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނަން،“ ސަލީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެރިކަންކުރާ ޕީއެންސީން ހުށަހަޅައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެއާއެކު މަޖިލީހުގެ ނައިބު ރައީސަކު ހޮވަން މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބު ކުރީ ޖަލްސާގައި ބައިވެރިވެވަޑައިގަތް 74 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާއެކުގައެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމްގެ ނަން ހުށައެޅި އިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން މި މަގާމަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުގެ ނަމެވެ.
ޕީއެންސީން ސަލީމްގެ ނަން ހުށަހެޅުމުގެ ކުރިން ވެސް ސަލީމް ވިދާޅުވެފައިވަނީ އެ މަގާމަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި ސަލީމް ވިދާޅުވެފައިވަނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަކީ އަމިއްލައަށް ބޭނުންވެގެން އުޅުއްވި މަގާމެއް ނޫންކަމަށާއި، ނަމަވެސް ޕާޓީގެ މަސްލަހަތާއި ގައުމީ ހިދުމަތަށް ޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ކާރު ފޮނުވުމުން ވެސް އެ ކާރަށް އަރަން ބޭނުންނުވިކަމަށާއި، އޭނާއަކީ އަދިވެސް މީހުންގެ ސައިކަލު ފަހަތުގައި ދަތުރުކުރަން ބޭނުންވާ މީހެއް ކަމަށް ވެސް ސަލީމް ވިދާޅުވެފައިވެއެވެ. އަދި ސެކިއުރިޓީއާ ގުޅޭގޮތުން ވިދާޅުވީ، ވަކި ބައެއްގެ ފަރާތުން ސެކުއުރިޓީއެއް ބޭނުން ނުވާކަމަށާއި އޭނާގެ މާ މަތީ ފެންވަރެއްގައި އުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ