ހެނދުނުގެ ނާސްތާ މުހިއްމުވަނީ މިހެންވެ

ހެނދުނުގެ ނާސްތާއަކީ އެންމެ އަހަރެމެންނަށް އެންމެ މުހިއްމު ކެއުމެވެ. ރޭގަނޑުގެ ނިންޖަށްފަހު ހަށިގަނޑުގެ ލޮޑުކަން ފިލުވާލާ ހަށިގަނޑަށް ތާޒާކަން ގެނައުމަށް ރަނގަޅު ނާސްތާއަކުން ދުވަސް ފެށުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހެނދުނު ހޭލުމަށްފަހު ފުރަތަމަވެސް ތާފަނާ ފެންތައްޓެއް ބޯލުން ރަނގަޅެވެ. މިކަމުން ހަށިގަނޑު ރީހައިޑްރޭޓްކޮށްދީ ހަޖަމުގެ ނިޒާމު ހޭލައްވާލައެވެ. އެއަށްފަހު ނާސްތާގެ ގޮތުގައި ލުއި ބަނޑަށް ފަސޭހަ ކެއުމެއް މުހިއްމެވެ. ވިސްނަންވީ ކަމަކީ ނާސްތާގައި ޕްރޮޓީން، ފައިބަރ އަދި ހެލްތީ ފެޓްސް ހިމެނުމަށެވެ.
ނާސްތަގައި ޕްރޮޓީން އަދި ފައިބާރ މުހިއްމީ ލޭގައި ހަކުރު ހިމެނޭ މިންވަރު ހިފަހައްޓައި، ނާސްތާއަށް ފަހު ވަރުބަލިކަން އިހްސާސްވިޔަ ނުދީ މުޅި ދުވަހަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރިކޮށްދިނުމަށެވެ. އެހެންކަމުން ބޭކާރުގޮތުގައި ކާހިތްވުމުން ދުރުކޮށްދީ ދުވަހުގެ މަސައްކަތުގެ މަސްއޫލުވެ އުޅުމަށް ފަސޭހަވެގެން ދެއެވެ. ނާސްތާގައި ހެލްތީ ފެޓްސްގެ ބޭނުމަކީ ހެނދުނު ހޭލުމަށްފަހު ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލާ، މަސައްކަތް ފެށުމަށް އެހީވުމެވެ.
އެގޮތުން ގިނަބަޔަކު މިހާރުވެސް ނާސްތަގައި ހިމަނާ ބިހަކީ އޭގައި ޕްރޮޓީން އެކުލެވޭ ކާނާއެކެވެ. އެގޮތުން ސްކްރޭމްބަލް ނުވަތަ ފެނުއްކައްކައިގެންވެސް ބިސް ކެވިދާނެއެވެ. މީގެ އިތުރުން ގްރީކް ޔޯގަޓް ޗިޔާ ސީޑް އަަޅައިގެން ވެސް ކެވިދާނެއެވެ. ޗިޔާ ސީޑަކީ އޭގައި ގިނަ އަދަދަކަށް ފައިބާރ ވެސް ހިމެނޭ އެއްޗެކެވެ.
ނުވަތަ އެވަކާޑޯ ޓޯސްޓެއްވެސް ކާލެވިދާނެއެވެ. އެވަކާޑޯއަކީ ހެލްތީ ފެޓްސް ހިމެނެ މޭވާއެކެވެ. ޓޯސްޓާއެކި ކެއުމުން ފައިބާރ ވެސް ހިމެނުނީއެވެ. ނާސްތާގައި ޕްރޮޓީން، ފައިބަރ އަދި ހެލްތީ ފެޓްސް އެއްކޮށް ހިމަނަން ބޭނުންނަމަ ޕީނަޓު ބަޓަރ ބަނާނާ ޓޯސްޓެއް ކާލާށެވެ. ދޮންކޭލުން ހަށިގަނޑަށް ބޭނުންވާ ފައިބާރ ލިއްބައިދޭއިރު ޕީނަޓު ބަޓަރ އިން ޕްރޮޓީން އަދި ހެލްތީ ފެޓްސް ލިބޭނެއެވެ. މިއީ ވެސް ލުއިކޮށް ގޮހޮރަށް ލޯޑް ބޮޑުނުކޮށް ނާސްތާ ނިންމާލެވިދާނެ ގޮތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ