އަބްދުﷲ އަހުމަދު ފައުންޑޭޝަނުން އައްޑޫއަށް އެއްލައްކަ ރުފިޔާގެ އެހީއެއް!

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫއަށް ކުރި ވިއްސާރާގައި ގެއްލުންވި ގެތަކަށް އެހީތެރިވުމުގެ ގޮތުން އަލްމަރުހޫމު އަބްދުﷲ އަހުމަދު ފައުންޑޭޝަނުން އައްޑޫއަށް 100،000 ފައިސާގެ އެހީއެއް ވެދެއްވައިފިއެވެ.
ފުވައްމުލަކަށް ނިސްބަތްވާ އަލްމަރުހޫމު އަބްދުﷲ އަހުމަދު ފައުންޑޭޝަނުން ވެދެއްވި އެހީ ރޭ ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްފައެވެ.
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބުދަ އަދި ބުރާސްފަތި ދުވަހު އައްޑޫއަށް ކުރި ވިއްސާރާގައި ގިނަ އަދަދެއްގެ ގެތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ވިއްސާރާގައި 151 ގެއަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެކަނި ފޭދޫގެ 93 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މި ވިއްސާރާގައި ގެއްލުން ލިބުނު ބައެއް ގެތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން އިރު 400 މީހުންނަށް ރޯދަވީއްލުން ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ.
މޫސުމީ ވިއްސާރާގައި ކޮންމެ އަހަރަކުވެސް އައްޑޫގެ ގިނަ ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ އިރު މިއީ އަދި މިހާތަނަށް ހައްލެއް ލިބިފައިވާ މައްސަލައެެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ