ކުރީގެ އަސްކަރީ ވެރިޔާ މުޝައްރަފްގެ މުދަލާއި ފައިސާ ގަނޑުކުރަން އަމުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ މުދަލާއި ފައިސާ ގަނޑުކުރުމަށް ޕާކިސްތާނުގެ ޚާއްސަ ކޯޓަކުން އަމުރު ކޮށްފިއެވެ.
މުޝައްރަފްގެ މުދަލާއި ފައިސާ ގަނޑުކުރުމަށް އަމުރު ނެރުނު ޚާއްސަ ކޯޓަކީ، ސީދާ މުޝައްރަފްގެ މައްސަލަތައް ބެލުމަށް ގާއިމްކޮށްފައިވާ ކޯޓެކެވެ.
އެގޮތުން، ކުއްލި ހާލަތު އިޢްލާން ކުރައްވައި ގައުމަށް ޣައްދާރުވުމާއި، ގާނޫނާ ޚިލާފަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާއި، މީހުން މެރުމުގެ އިތުރު ދައުވާތަކުގެ އިތުރުން، 2007 ވަނަ އަހަރު، ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ކަމުގެ ދައުވާވެސް މުޝައްރަފާ ދެކޮޅަށް އުފުލި، އެ މައްސަލަތައްވެސް ޚާއްސަ ކޯޓުން ދަނީ ބަލަމުންނެވެ.
އަދި އިސްލާމްއާބާދުގެ ރެޑް މޮސްކް ރެއިޑްކުރުމުގެ މައްސަލައިގެ އިތުރުންވެސް ގިނަ މައްސަލަތަކެއްގެ ދައުވާ މުޝައްރަފާ ދެކޮޅަށް އުފުލިފައި ވެއެވެ.
ޚާއްސަ ކޯޓުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ޕެނަލްގެ އެންމެ އިސް ފަނޑިޔާރު މަޒްހަރު އާލަމް މިއާންޚެލް ނެރުއްވި އަމުރުގައި، ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފްގެ ހުރިހާ ބޭންކް އެކައުންޓްތައް ގަނޑުކުރުމަށާއި، އޭނާގެ މުދާތައް ހިފެހެއްޓުމަށްވެސް އަންގާފައި ވެއެވެ.
ކޯޓުން މިއަމުރު ނެރުނީ، ޕަރްވޭޒް މުޝައްރަފްގެ ޣައިރު ހާޟިރުގައެވެ. ކުއްލި ބޭސްފަރުވާއަކަށް ކަމަށް ވިދާޅުވެ މިއަހަރުގެ މާޗްމަހު ދުބާއީއަށް ވަޑައިގެންނެވި ގޮތަށް މުޝައްރަފް އެނބުރި ޕާކިސްތާނަށް ވަޑައި ނުގަންނަވާ ކަމަށް ވެއެވެ.
މުޝައްރަފްގެ މުދަލާއި ފައިސާ ގަނޑުކުރުމަށް އަމުރު ނެރުމަށްފަހު ޚާއްސަ ކޯޓުގެ މަސައްކަތްތައް ވަކި މުއްދަތެއް ނެތްގޮތަށް ވަނީ މެދުކަނޑާލާފައެވެ. މާނައަކީ، އެމައްސަލަތަކުގެ އެއްވެސް ކަމެއް ކޯޓުގައި ދެން ހިނގާނީ މުޝައްރަފް އެނބުރި ވަޑައިގެންނެވުމުން ކަމަށް ޕާކިސްތާނުގެ މީޑިއާއިން ބުނެއެވެ.
ޕާކިސްތާނު ސިފައިންގެ ވެރިޔަކަށް ހުންނަވައި، މުޝައްރަފް ގެންނެވި ލޭއޮހޮރުވުމެއް ނެތް އިންގިލާބެއްގައި ބޮޑުވަޒީރަކަށް އޭރު ހުންނެވި ނަވާޒް ޝަރީފްގެ ވެރިކަން ވައްޓާލީ 1999 ވަނަ އަހަރުއެވެ.
އަސްކަރީ ޔުނިފޯރމްގައި ރައީސްކަން ކުރައްވަމުން ގެންދަވަނިކޮށް، 2008 ވަނަ އަހަރު ޕާކިސްތާނުގެ ޕާލަމެންޓްގައި މުޝައްރަފް އިމްޕީޗް ކުރަން އުޅެނިކޮށް ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެގައުމުން ހިމާޔަތް ހޯއްދެވީއެވެ.
އޭގެފަހުން، 2013 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބުގައި ވާދަކުރެއްވުމަށް މުޝައްރަފް އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވިއެވެ. ނަމަވެސް، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައެއް ނުގެންނެވިއެވެ. ބަދަލުގައި، ޕާކިސްތާނުން ބޭރަށް ވަޑައިގަތުން މަނާކުރެވި ޝަރީއަތާ ކުރިމަރިލައްވަން ޖެހިވަޑައިގެންނެވިއެވެ.
ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފް ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފައި އޮތް އޮތުން އުވާލީ މިއަހަރުގެ މާޗްމަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ