ރާއްޖެއިން ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަންގެ ރިޔާސަތު ބަލަހައްޓައިފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު، އަދި ވައިސް ޗެއާގެ ހައިސިއްޔަތުން ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަން ގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.
މި ދަތުރުފުޅުގެ ހަވާސާގައި ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބައެއް ޤައުމުތަކާއި އެކު ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ބްރޫނާއީގެ މިނިސްޓަރު އޮފް ހެލްތު ޑރ.ހާޖީ މުހައްމަދު އިޝާމް އާއި ބައްދަލުކުރައްވާ ޞިއްޙީ ދާއިރާއިން އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން، މިނިސްޓަރު އިއްޔެ ވަނީ ދެކުނު ކޮރެއާގެ ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ދެކުނު ކޮރެއާއިން ތަމްރީނު ދިނުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓައިޒްކުރުމަށްޓަކައި، ޑިޖިޓަލް ޙައްލުތައް ތަންފީޒުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ