ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުން ނުވި ކަންކަން ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުން ނުވި ކަންކަން

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ބަޔާނެއް އިއްވަން ޖެހެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 446 ދުވަސް ފަހުން މާދަމާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވާނެ އެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރާއި 15 މިނެޓާއި 27 ސިކުންތަށް ދިގުދެމިގެންދިޔަ 6,945 ލަފްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް އަހަރެއް ފަހުން ކަޅިއެއް އެއްލައިލާއިރު ފެނިގެންދަނީ އެ ބަޔާނަކީ އޭރު ބޯމަތިވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް މުއިއްޒު ބޭނުންކުރެއްވި ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.
ހަގީގަތުގައި އަހަރެއް ފަހުން އެ ބަޔާނަށް ނަޒަރު ހިންގައިލުމުން އެނގި ހާމަވީ އޭރު ރައީސް ވިދާޅުވި ގިނަ ކަންކަމަކީ ހަމައެކަނި މޫނުމަތި ރީތިކޮށްލުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ކަމެވެ. މި ލިޔުމުގައި މި ބަލައިލަނީ އޭގެ ތެރެއިން ބައެއް ކަންކަމަށެވެ.
"ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާންވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ، އާމްދަނީއާ އަޅައިބަލާއިރު، ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށްވާތީ، ސަރުކާރުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި."
އެފަދަ މަޖުބޫރީ ހާލަތެއްގައި އޮތް ކަމަށް އެ ދުވަހު ރައީސް ވިދާޅުވި ނަމަވެސް މުޅި އަހަރު ތެރޭގައި ވެސް ފެނިގެންދިޔައީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ބަދަލުގައި ބޭކާރު ހަރަދުތައްކޮށް ބަޖެޓަށް ބާރުބޮޑުކުރި މަންޒަރެވެ.
ސަޕްލިމެންޓަރީ ބަޖެޓާއެކީ މިދިޔަ އަހަރުގެ ޑެފިސިޓު 18.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ބަޖެޓު ޑެފިސިޓެވެ. ޑެފިސިޓް ފައިނޭންސް ކުރަން ފައިސާ ނުހޯދުނު ތަނުގައި ހަރަދުތައް ވެސް ސަރުކާރަށް ކުޑަ ކުރެވިފައި ނުވެ އެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.
"ދިވެހިރާއްޖޭގައި ގާއިމުވެ ތިބި ތިން އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް، 10 މާރިޗު 2024ގެ ކުރިން ގެންދާނެ."
ރައީސް މުއިއްޒު ނިންމެވީ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވާ ސިފައިން ފޮނުވާލުމަށް ފަހު އުޅަނދުތައް ބެހެއްޓުމަށެވެ. އެ ތަކެތި މިހާރު ދުއްވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އެ ގައުމުގެ ކުންފުންޏެއްގެ މުވައްޒަފުން ކަމަށްވެ އެވެ. ސަރުކާރުން ބުނަނީ އެއީ މަދަނީ ބައެއް ކަމަށެވެ. އެ މަދަނީން ތިބެނީ ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ގެނައި އިންޑިއާގެ ސިފައިން ބޭތިއްބުމަށް ކުރިން ވެސް ހަދާފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ.
މިކަމުގައި ބަދަލުވީ އެ ދުއްވަން ތިބި މީހުން ލައިގެން ތިބި ޔުނީފޯމު ނުވަތަ އަންނައުނެވެ. އިތުރަށް ބަދަލުވީ ކަމެއް ނެތެވެ. އެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓު ކުރަން ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖުރިބާކާރުންގެ ޓީމަކުން މިހާރު އެ ގެންދަވަނީ ވަރަށް ހަލުވިކަމާއެކީގައި ކުރައްވަމުން."
މިކަމުގައި ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތެވެ. ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި އަދިވެސް މި މައްސަލަ އިސްތިއުނާފު ކޮށްފައި ނުވެ އެވެ. ބޭރުގެ ތަޖުރިބާކާރުންތަކަކަކަށް ފައިސާތަކެއް ދިނުން ފިޔަވައި އޭރު ގެއްލުނު ކަމަށް ބުނި ކަނޑު ހޯދަން ކުރި ވަކާލާތެއް ނެތެވެ.
"ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުތަކުގެ މަގުތައް ހަދައި، އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން."
މި ތަންތަނުގެ ތެރެއިން ހިއްކުމުގެ މަސައްކަތް ވެސް ނިމިފައިވަނީ ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގައި އެކަންޏެވެ. ބާކީ ތަންތަނުގެ ހިއްކުމުގެ މަސައްކަތް މިހާތަނަށް ވެސް ނިމިފައި ނުވާއިރު އެއްވެސް ތަނެއްގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށިފައި ނުވެ އެވެ.
"އިރާދަކުރެއްވިއްޔާ 5 އިންސައްތައަށްވުރެ ދަށް އިންޓްރެސްޓް ރޭޓެއްގައި، ގެދޮރު އެޅުމަށާއި، ގެދޮރު މަރާމާތު ކުރުމަށާއި، ފުލެޓު ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތްތައް ސަރުކާރުން ފަހިކޮށްދޭނަން."
މިކަން ރިޔާސީ ބަޔާނުގައި އިއުލާނު ކުރެއްވުމަށް ފަހު ޖުލައި 26، 2024، ގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު އޮކްޓޯބަރުގައި، 2024، ގައި ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ނަމަވެސް، އެ އަހަރު ނިމި އާ އަހަރެއްގެ ދެވަނަ މަސް ގުނަމުންދާއިރު ވެސް މި ލޯނުތައް ލިބޭނެ ގޮތެއް، ދުވަހެއް ނޭނގެ އެވެ.
"ގައުމު އާބާދުކޮށް، ރަށްވެހި ތަރައްޤީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތް ކަމަކަށް ހެދުމަށްޓަކައި އަޅުގަނޑު ވައުދުވީ ފަދައިން، 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް، މި އަހަރު އިރާދަކުރެއްވިއްޔާ އެކުލަވައިލާނަން."
އެ އަހަރު ނިންމަން ބުނި ޕްލޭންގެ މަސައްކަތް ވެސް ސަރުކާރަށް ފެށުނު ކަމަށްވީ ނޮވެމްބަރު 6، 2024، ގަ އެވެ. މިހާތަނަށް އައިއިރު އެ ޕްލޭންގެ އެއްވެސް އަޕްޑޭޓެއް ސަރުކާރުން ހިއްސާކޮށްފައި ނުވެ އެވެ. އެ ޕްލޭން ހެދުމަށް ބޭނުންވާ ފަންނީ މީހުން އަދިވެސް ހޯދަނީ އެވެ. ރިޔާސީ ބަޔާނުގައި 2024 ގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ ޕްލޭން އެންމެ އަވަހަށް ވެސް ނިންމޭނީ 2025 ގެ ފަހުކޮޅު އެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު މި އަހަރު ނިމި، އައު އެއާލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުސަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވުރޭޖުކޮށް 10.3 އިންސައްތައިން ދާނީ ކުރިއަރަމުން."
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އޮފީހުގައި ވަކި ކޮމިޓީއެއް ވެސް މި މަޝްރޫއު އަވަސް ކުރަން ރައީސް މުއިއްޒު އުފެއްދެވި އެވެ. އެ އަހަރު ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެއާޕޯޓު މަޝްރޫއު އެންމެފަހުން ނިމޭނީ ޖުލައި 2025 ގައި ކަމަށް އެމަނިކުފާނު ވެސް ފަހުން އެއްބަސްވެވަޑައިގަތެވެ. މިއީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން ވެސް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނިންމޭނެ ކަމަށް ބުނި ތާރީހެވެ.
"ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަކުރެވިގެން ދެވޭ އެއްޗަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކުރާނަން."
ސަބްސިޑީ ނިޒާމު ބަދަލުކުރަން މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވުމަށް ފަހު ޑިސެމްބަރު 8، 2024، ގައި ރައީސް ވަނީ އެއްވެސް ސަބްސިޑީއެއް ނުކަނޑާނެ ކަމަށް ވިދާޅުވެފަ އެވެ. ސަބްސިޑީ ނިޒާމަށް ބަދަލު ގެނައުން ހިމަނައިގެން 2025 ގެ ބަޖެޓު ފާސްކުރި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އެއްވެސް މައުލޫމާތެއް އެނގޭ ރައްޔިތަކު ނެތެވެ.
"ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް ޢައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން."
މިވެސް އެމަނިކުފާނު ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެކެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބާއި އެކިއެކި ބައި-އިލެކްޝަންތަކާ ދިމާކޮށް އެތައް ސިޔާސީ މަގާމެއް އުފައްދާފައިވެ އެވެ. ސިޔާސީ މަގާމުތަކުން ވަކިކުރި މީހުންގެ މައުލޫމާތު ވެސް ދޭން ސަރުކާރުން ދެކޮޅު ހެދި އެވެ. މިހާތަނަށް އައިއިރު ވެސް ސިޔާސީ މަގާމުތަކުގެ ސީދާ އަދަދު ސަރުކާރުން ހާމަކޮށްފައި ނުވާއިރު އެ އަދަދު އެމަނިކުފާނު ވައުދުވި 700 އަށްވުރެ ތިންހަތަރު ގުނަ އިތުރުވާނެ ކަމަށް ބެލެވެ އެވެ.
"ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދޭނަން. ގޭބިސީތަކުން ކަރަންޓް ބިލަށް ކުރާ ހަރަދު ކުޑަކޮށް."
މި ވޭތުވެދިޔަ އަހަރުދުވަސް ތެރޭ ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ މައްސަލަތައް އިތުރުވެ ރައްޔިތުން ވަނީ އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހިފަ އެވެ. އެންމެފަހުން ރައީސް ދެއްވި ޑެޑްލައިނަކީ ރޯދައިގެ ކުރިން މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. ކަރަންޓުގެ އަގު ބޮޑުވުމުގެ އަސަރު ހުރިހާ ގޭބިސީއަކަށް ވެސް ކުރަމުންދާކަން ސޯޝަލް މީޑިއާއަށް ބަލައިލުމުން އެނގެ އެވެ.
"ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ، އައު 20 ރިޒޯޓް، މި އަހަރު ހުޅުވައި، 2800 އަށްވުރެ ގިނަ އެނދު އުފެދިގެން ދިޔުން."
މިދިޔަ އަހަރު ފެށުނުއިރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވަނީ 180 ރިސޯޓެވެ. އަހަރު ނިމުނުއިރު އެ އަދަދު ހުރީ 183 ގަ އެވެ. އެހެންކަމުން، ރައީސްގެ އެ އަމާޒަށް ވާސިލުވުމަށް ކައިރިވެސް ކުރެވިފައި ނުވެ އެވެ.
"އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ، ދެފުށް ފެންނަގޮތަށް. ހާމަކަން ބޮޑުކޮށް. ނޫސްވެރިއަކަށް ވެސް، ރައްޔިތަކަށް ވެސް އަޅުގަނޑުމެން ފޮރުވާނެ ކަމެއް ނޯންނާނެ."
ސީދާ އެމަނިކުފާނު ކޮންމެ ދުވަހަކު ވަޒީފާއަށް ނުކުމެވަޑައިގަންނަވާ ރައީސް އޮފީހުން މައުލޫމާތު ސިއްރުކުރަން ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުގެ ތެރޭގައި ކޮށްފި އެވެ. ދައުލަތުގެ މާލީ ހިސާބުކިތާބުތައް ވެސް އެތައް މަހެއް ވަންދެން ފޮރުވައިގެން ގެންގުޅެފައިވެ އެވެ.
މިދިޔަ އަހަރު އައިކޮމްއިން އާންމުކުރި ތަފާސްހިސާބުތަކަކުން އެނގުނު ގޮތުގައި، މައުލޫމާތަށް އެދި ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ނުދީގެން އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައި އޮތީ ވެސް އެ އޮފީހާ ދެކޮޅަށެވެ. މި ސަރުކާރުން ގެންގުޅެނީ މައުލޫމާތާ ބީރައްޓެހި ސިޔާސަތެކެވެ.
"ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެމަހަކުން އެއްމަހު ޖަވާބުދާރީވުމަށް ބާއްވާ "އަހާ" ފޯރަމް، މިދިޔަ ޖަނަވަރީމަހު ވާނީ ފަށާފައި. މި ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށައިފިން."
މި ފޯރަމް ވެސް އޮތީ ހުއްޓިފަ އެވެ. މަހެއްހާ ދުވަސް ވަންދެން ރައްޔިތުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ފަހު ރައީސްގެ ހިލަމެއް ވެސް ނެތެވެ. ސަރުކާރުގެ ކޮންސިސްޓަންސީއެއް ނެތްކަން މިކަމުންވެސް އެނގި ހާމަވެ އެވެ.
--
މިއީ ރިޔާސީ ބަޔާނުން ފާހަގަވި ބައެއް މުހިންމު ނުކުތާތަކާއި އޭގެ އަދާހަމަ އެވެ. ބައެއް ކަންކަން ފުރިހަމަ ނުކުރެވޭ ވާހަކައެއް ނޫނެވެ. ގިނައީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރި ކަންކަމެވެ. މައުނަވީ ގޮތެއްގައި ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް ކުރެވުނު ކަންކަން މަދެވެ.
އޭރުގެ ހާލަތާ އަޅައިބަލާއިރު ބަދަލެއް އައީ މަދު ކަމެއްގަ އެވެ. ގައުމުގައި ހުރި މައްސަލަތައް އިހުނަށް ވުރެ ސީރިއަސްވެ ކަންބޮޑުވާ މިންވަރަށް އެ މައްސަލަތައް ފުޅާވެއްޖެ އެވެ. އޭރު އެމަނިކުފާނު ތަސައްވަރު ކުރެއްވި ކަންކަން ނުފެށި ގިނަ ކަންކަން ހުރީ ހުއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ