ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޝްވަރާކުރައްވައިފިއެވެ.
އިންޑިއާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއާއި ވަޒީރު ޑރ. މުއްޠަލިބް ބޭއްވި ބައްދަލުވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިހާރު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަޝްރޫޢު އަވަސްކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ. އަދި ކުރިމަގުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އިތުރު މަސައްކަތްތައް ގުޅިގެން ކުރުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖުގެ މަޝްރޫޢުއާއި ގުޅޭގޮތުން ސަރުކާރުން އެންމެ ފަހުން މިދިޔަ އަހަރު ނޮވެމްބަރު މަހު ވިދާޅުވެފައިވަނީ އެހައިތަނަށް ބްރިޖުގެ ނިމިފައިވަނީ 46.58 އިންސައްތަ މަސައްކަތް ކަމަށެވެ. މި މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން މީގެ ކުރިން ސަރުކާރުން ފާހަގަކޮށްފައިވީ ނަމަވެސް، އިންޑިއާ ސަރުކާރާއެކު މީގެ ކުރިން ކުރެވުނު މަޝްވަރާތަކަށްފަހު މަސައްކަތް އަވަސް ކުރެވިފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ތިލަމާލޭ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ. މިގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މި މަޝްރޫޢު ނިމިގެންދިޔުމަކީ މި ސަރަޙައްދުގެ ރައްޔިތުންގެ އޮތް ބޮޑު އުއްމީދެކެވެ.
ތިލަމާލެ ބްރިޖު މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ