ހާލަތު ރަނގަޅު ކުރެވޭނީ ހުރިހާ ސިޔާސީ ލީޑަރުންނަށް ވެސް އެއް ހަމައަކުން ކަންކަން ކުރެވިގެން ކަމަށް އެމްޓީޑީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
އެމްޓީޑީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ހަމަޔާއި އިންސާފުން ޝަރީއަތް ހިންގައިފި ކަމަށްވަންޏާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ އެއްވެސް ކުށެއްގެ ތުހުމަތު ވެސް ރައްދުވާ ފަރާތެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މި ގަބޫލުކުރަނީ ހަމަޔާއި އިންސާފުން ޝަރީއަތް ހިންގައިފި ކަމަށްވަންޏާ އަހްމަދު އަދީބަކީ މިއިން އެއްވެސް ކުށެއްގެ ތުހުމަތު ވެސް ރައްދުވާ ފަރާތެއް ނޫން އަދި ހަމައެހެންމެ ސާބިތުވާނެ ފަރާތެއް ވެސް ނޫން. ހާލަތު ރަނގަޅު ކުރެވޭނީ ހުރިހާ ސިޔާސީ ލީޑަރުންނަށް ވެސް އެއް ހަމައަކުން ކަންކަން ކުރެވިގެން،" އޭނާ ވިދާޅުވިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީޑީގެ ސީނިއާ ނައިބު ރައީސް އަދި އެ ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފް ވިދާޅުވީ އެހެން ސިޔާސީ ލީޑަރުންނަށް ޖަލު ބަންދުގައި ނުވަތަ ގޭ ބަންދުގައި ހުންނަވައިގެން ކަންކަން ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އަދީބަށް އެ ޖާގައެއް ނޯންނަ ކަމަށެވެ.
"އަދީބު ވެއްޖެއްޔާ ގޭގައި ހުރެގެން ސިޔާސީ ޕާޓީއެއް ހެދުމުގެ ޖާގައެއް ވެސް ނެތް. އަދީބު ވެއްޖެއްޔާ ޓުވީޓު ކޮށްލުމުގެ ޖާގައެއް ވެސް ނެތް. އަދީބު ވެއްޖެއްޔާ އެއްވެސް ކަމެއް ކުރުމުގެ ޖާގައެއް ނެތް. އެހެންނޫން މިހާރު ރާއްޖޭގައި އަތްފުޅާކޮށްފައި މަގުމަތީގައި ހިނގާ ހުރިހާ ސިޔާސީ ބޭފުޅުންނަކީ އެބޭފުޅުން ޖަލުގައާއި އެހެން ތަންތަނުގައި ތިއްބަވައިގެން ސިޔާސީ މަސައްކަތް ވަރަށް ބާރަށް ބޮޑަށް ކުރެއްވި ބޭފުޅުން. މިސާލަކަށް ބައްލަވާ އަޅުގަނޑުމެންގެ ހޯމް މިނިސްޓަރު. އެބޭފުޅުންގެ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، ހުންނެވީ ގޭބަންދުގައި،" އޭނާ ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އެމްޓީޑީން ގޮވާލަމުންދަނީ މިހާރުން މިހާރަށް އަދީބު މިނިވަންކޮށްދިނުމަށް ނޫން ކަމަށާއި އެ ޕާޓީން ގޮވާލަމުންދަނީ އަދީބަށް ވެސް އިންސާފުވެރި ޝަރީއަތެއް ކުރިއަށްގެންގޮސްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ލަދުގަނޭ މިއަދު އަދީބާ ބެހޭގޮތުން މި ސަރުކާރުގައި ތިއްބަވައިގެން މިކަހަލަ ވާހަކަތައް ދައްކަވާތީ. އަޅުގަނޑުމެން މި ބުނަނީ އަދީބަށް ފްރީ އެންޑް ފެއާ ޓްރަޔަލްއެއް ލިބެންޖެހޭނެއޭ. އަޅުގަނޑުމެން މި ގޮވާލަނީ މިހާރުން މިހާރަށް އަދީބު ދޫކޮށްލާކަން ނޫން. އަޅުގަނޑުމެން މިގޮވާލަނީ އިންސާފު ގާއިމުކުރާށޭ،" އޭނާ ވިދާޅުވިއެވެ.
އާސިފް އިތުރަށް ވިދާޅުވީ އިންސާފަކީ މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިސްނައިދިން ވިސްނުމެއް ކަމަށާއި މި ސަރުކާރުން އެންމެ ބޮޑަށް ވައުދުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އިންސާފު ލިބިފައިނުވާ މީހުންނަށް އިންސާފު ގާއިމުކޮށްދިނުން ކަމަށެވެ. އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގިނަ ތުހުމަތުކުރެއްވި ބޭފުޅާ، ރައީސް ޔާމީން މިހާރުވެސް މިނިވަންކަމާއެކު އުޅުއްވި ނަމަވެސް އަދީބު ހުންނެވީ ގޭ ބަންދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހާލަތު ރަނގަޅު ކުރެވޭނީ ހުރިހާ ސިޔާސީ ލީޑަރުންނަށް ވެސް އެއް ހަމައަކުން ކަންކަން ކުރެވިގެން: މެމްބަރު ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ