ކުދިކުދި ހައިސްޕީޑް އިންޖީނުތައް ގެނެސް ހިންގުން ހުއްޓާލަން އެބަޖެހޭ!

ކަރަންޓަށް ޑިމާންޑް ބޮޑުވުމުން ކުދިކުދި ހައި ސްޕީޑް އިންޖީނުތައް ގެނެސް ބަހައްޓައިގެން ކަރަންޓްދޭން މަސައްކަތްކުރުން ހުއްޓާލަން އެބަޖެހޭ ކަމަށާއި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްދީ މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ނޫންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 
ނިއަދުނޫހަށް ފަހުމީ ވިދާޅުވީ ކުދުކުދި އިންޖީނުތައް އަވަސް އަވަހަށް ނިއްވާލަން ޖެހޭނެ ކަމަށާއި ގިނަ ވަޤުތު ހިންގޭނީ ބޮޑެތި އިންޖީނުތައް ބަހައްޓައިގެންކަމަށްވާތީ ސްޓެލްކޯއިން މިހާރު މަސައްކަތްކުރަނީ ކުދިކުދި ގިނަ އިންޖީނުތަކެއް އިތުރުކުރުމުގެ ބަދަލުގައި ޚިދުމްތަ ދެމޭނެ ފެންވަރުގެ އިންޖީނުތައް ބަހައްޓައި ގިނައިރު ޚިދުމަތްދޭން ކަމަށެވެ. 
ޙުސައިން ފަހުމީގެ ވާހަކަފުޅުން:
އަޅުގަނޑުމެން މިދިއަ އަހަރުވެސް މިއަހަރުގަވެސް ވާނީ ޕީކްގަ 17 މެގަވޯޓް އިތުރު ކޮށްފަ. އެހެން ނަމަވެސް އެއީ ސަސްޓެއިނެބަލް މޮޑެލް އެއް ނޫން. ހައި ސްޕީޑް އިންޖީނުތައް ގެނެސް ބަހައްޓައިގެން ހިންގުން އެއީ ސަސްޓެއިނެބަލް މޮޑެލް އެއް ނޫން. އަޅުގަނޑުމެން މިހާރުވެސް މަސެއްކަތް ކުރަމުން މި ގެންދަނީ 100 މެގަވޯޓް އާ ޕަވަރޕްލާންޓެއް އެޅޭތޯ. 
އެހެންނަމަވެސް ތިބޭފުޅުންނަށް އެނގި ވަޑައިގަންނަވާނެ މި ސަރުކާރު އައި އިރުގަ އިޤްތިޞާދީ ހާލަތު އޮތްގޮތް. އިޤްތިޞާދީ ޤައުމު ދަރަނިވެރިވެފަ އޮތީ. ދެން މިވާހަކަ އަޅުގަނޑު ދައްކާކަށް ބޭނުމެއް ނެތް، އެހެން ނަމަވެސް ސްޓެލްކޯގެ އެމް.ޑީ އެއްގެ ހައިސިއްޔަތުން އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކައެއް ނޫން މީކީ. އެކަމު ރިއަލިޓީއަކީ މީ. ޕަވަރޕްލާންޓެއް އަޅަން ބޭނުންވޭ 100 ނުވަތަ 200 މިލިއަން ޑޮލަރު. އެ ސުވިކާރ ކުރުމަށްޓަކާވެސް ފައިނޭންޝަލް އިންސްޓިޓިއުޓް ބަލާލިންތޯ؟ އެހެންމަ ޤައުމުގެ ހާލަތާއި، އަޅުގަނޑުމެންގެ ހާލަތާ މި ސަރުކާރު އައިއިރު އޮތް ހާލަތު އެއީ މިވާހަކަ އިތުރަށް ދައްކަން ޖެހޭ ހަޤީގަތެއް މީ، އެއީ އެންމެންނަށްވެސް އެނގޭ ހަގީގަތެއް. އެހެންވީމަ، ޗެލެންޖަސްތަކަށް އަރައިގަނެ، އަރައިގަނެގެން ކުރިއަށް ދިޔުން އަޅުގަނޑުމެންގެ މަޤްޞަދަކީ. ޕާސްޓަށް ދިޔަ ތަނުގެ ވާހަކަ ދައްކަ ދައްކާ ތިބުމެއް ނޫން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މިހާލަތުން އަރައިގަންނާނަން.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ