ފިލްމު އެވޯޑްސް ބާއްވަން ސަރުކާރުން އެއްވެސް އެހީތެރިކަމެއް ނުދިނުމުން ދަރާ ރަޝީދު ފާޑުވިދާޅުވެއްޖެ ފިލްމު އެވޯޑްސް ބާއްވަން ސަރުކާރުން އެއްވެސް އެހީތެރިކަމެއް ނުދިނުމުން ދަރާ ރަޝީދު ފާޑުވިދާޅުވެއްޖެ

ރޭ ކުރިއަށްގެންދިޔަ ފިލްމު އެވޯޑްސް ހަފުލާ ބާއްވަން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ނުދިން ކަމަށް ވިދާޅުވެ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ޗެއާމަން މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އެވޯޑު ހަފުލާ ބާއްވަން ނެޝަނަލް ސެންޓާ ފޯ އާޓްސް އާއި ޔޫތު މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ އާއި މޯލްޑިވިއަން އެއިރޯގެ ފަރާތުން އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.
އެކަމަކު އެތަނުން އެއްވެސް އިދާރާއަކުން އެހީތެރިކަމެއް ދީފައިނުވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އެހީތެރިވުމަށް އަނގަބަހުން އެއްބަސްވުމަށްފަހު ވެސް އެންސީއޭ އިން އެހީތެރިކަމެއް ފޯރުކޮށްނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޝޯ ބޭއްވުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް އަނގަބަހުން އެއްބަސް ވެވުނު ނަމަވެސް އެންސީއޭގެ ފަރާތުން އެއްވެސް މިންވަރެއްގެ އެއްބާރުލުމެއް ލިބިފައިނުވާކަން ހިތާމައާއެކު ފާހަގަކޮށްލަން،" ރަޝީދު ވިދާޅުވި އެވެ.
ފިލްމު އެވޯޑްސް ބާއްވަން އެއްބާރުލުން ދޭނެ ކަމަށް ޔޫތު މިނިސްޓްރީއިން ވެސް ބުނި ކަމަށް ރަޝީދު ވިދާޅުވި އެވެ. އެކަމަކު މިނިސްޓްރީ އިން އެއްވެސް އެހީތެރިކަމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. ޝޯ ލައިވްކޮށްދޭން އެދުމުން އަގެއް ނުނަގައި އެކަން ނުވާނެ ކަމަށް ޕީއެސްއެމް އިން ބުނި ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އެވޯޑު ޝޯގައި ދޭ އެވޯޑުތައް ގެނެސްދޭން މޯލްޑިވިއަން އިން އެދުމުން އެކަން ވެސް ނުކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން، ފިލްމު ފެސްޓިވަލް ބޭއްވިއިރު ސަރުކާރުން އެމްއެސްޕީއޭއާމެދު އަމަލު ކުރީ ވަރަށް އިހާނެތިކޮށް ކަމަށް ވެސް ރަޝީދު ރޭ ވިދާޅުވި އެވެ. އެގޮތުން، ފިލްމު ފެސްޓިވަލް ކުރިއަށްދަނިކޮށް، އެ ފެސްޓިވަލް އިސްތިހާރު ކުރަން ޖަހާފައި ހުރި ޕޯސްޓަރެއް އޮލިމްޕަސް ސިނަމާގެ ފާރުން ނެގުމަށް ސަރުކާރުން އެންގި ކަމަށް ރަޝީދު ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން ކުށްވެރިއެއްގެ ގޮތަށް އަޅުގަނޑު ޔޫތު މިނިސްޓްރީއަށް ހާޒިރުކޮށް އެ ވާހަކަ ދެއްކި. އެއީ ޕޯސްޓަރު ނަގަން ބުނީމަ އަޅުގަނޑު ނުނަގާނަމޭ ބުނެގެން އެ މައްސަލައިގައި އަޅުގަނޑު މިނިސްޓަރު އަރިހަށް ހާޒިރު ކުރި،" އޭނާ ވިދާޅުވި އެވެ.
ރޭ ބޭއްވި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ "ގޮށްރާޅު" އަށެވެ. އެންމެ މޮޅު ލީޑު އަންހެން އެކްޓަރުގެ މަގާމަށް ދިޔައީ ނިއުމާ މުހައްމަދަށެވެ. އެންމެ މޮޅު ލީޑު ފިރިހެން އެކްޓަރަކަށް ހޮވުނީ ޖުމައްޔިލް ނިމާލް އަށެވެ. އެންމެ މޮޅު ސަޕޯޓިން އަންހެން އެކްޓަރަކަށް ހޮވުނީ ވާޝިއާ މުހައްމަދެވެ. އެންމެ މޮޅު ސަޕޯޓިން ފިރިހެން އެކްޓަރަކަށް ހޮވުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަށެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ އަހުމަދު ސިނާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ