އައިމަން މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމައިފި

މުޙައްމަދު އައިމަން އާދަމް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލާން ނިންމަވައިފިއެވެ.
އައިމަން ގިނަ ބަޔަކަށް އެނގިފައި ވަނީ ކޯޕަރޭޓް ދާއިރާގައި އޭނާ ކުރި ޚިދުމަތްތަކުގެ ޒަރިއްޔާ އިންނެވެ. ދިރާގާއި އޭސް ހާޑްވެއަރގައި އޭނާ ހޭދަ ކުރި މުއްދަތުގައި އޭނާ ފާހަގަކުރެވުނީ ނޫސްވެރިންނާއި ގާތް ރަހުމަތްތެރި ފަރާތެއްގެ ގޮތުގައެވެ. 2015 ވަނަ އަހަރުން ފެށިގެން މިހާހިސާބަށް އޭނާ ވަޒީފާ އަދާކުރަމުން ދަނީ އޭސް ހާރޑްވެއަރގެ ހެޑް އޮފް ސޭލްސްގެ މަގާމުގައެވެ.
އައިމަން ފާހަގަކުރި ގޮތުގައި އޭނާގެ މަސައްކަތުގެ ދާއިރާ އާއި ސީދާގޮތުން ގުޅިފައި ނެތް ނަމަވެސް ސިޔާސީ ގޮތުން ބަދަލުވަމުން އައި ސިޔާސީ މަސްރަހު އޭނާ އަށް ވެސް ވަނީ ވަރަށް ކައިރިން ތަޖުރިބާކުރެވިފައެވެ. އަދި ދީމޮގްރާތީ އުސޫލްތަކައި އެއްގޮތަށް ފުރިހަމަ އަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރުމަށް ރައްޔިތުންގެ މަޖިލީހަކީ ހުރިހާ ދައިރާ އަކަށް ނިސްބަތްވާ، ތަފާތު ދައިރާތަކުގެ ތަޖުރިބާ އާއި ޚިޔާލާތާއި، ފިކުރު ހުރި ފަރާތްތައް ތިބެންވާ ތަނަކަށް ވާން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް އައިމަން ވިދާޅުވިއެވެ. ސިޔާސީ ނުފޫޒަށް ދީލާ ނުލާނެ، ހަރުދަނާ ޒުވާނުންގެ ދައުރު ޤައުމުގެ ރައްޔިތުންގެ މަޖިލީހުން ފެނުމަކީ ޒުވާނެއްގެ ހައިސިއްޔަތުން ފަޙުރުވެރިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމަށް ވާއިރު ފާއިތުވި ހަތް އަހަރު އޭނާ އަށް މަސައްކަތުގެ ދާއިރާގައި ލިބުނު ތަޖުރިބާގެ އަލީގައި ބަވަނަ ވަމުންދާ ދުނިޔޭގައި، ރާއްޖެ ފައި ހަމަކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރިކަން އޭނާ ހާމަކުރެއްވިއެވެ.
އެ ދާއިރާގައި ކަޑައްތު ކުރަން ޖެހޭ ދަތިކަމައި، ތަހައްމަލް ކުރަން ޖެހޭ އުނދަނގޫތައް ވަރަށް ކައިރިން އެނގޭ މީހެއްގެ ހައިސިއްޔަތުން، ދިވެހި އިގްތިސާދުގެ އޮނިގަނޑު ހަރުދަނާކުރުމުގައި އޭނާގެ ހިއްސާ އެއްއޮތުމަކީ އޭނާގެ ބޮޑު އުންމީދެއްކަން އައިމަން ވަނީ ފާހަގަކުރައްވާފައެވެ.  އިގްތިސާދު ކުރިއެރުވުމުގައި ރަނގަޅު ފަލްސަފާ އެއްގެ ބޭނުން އިންތިހާ އަށް ބޮޑު އިރު އެކަމުގައި އެންމެ ރަނގަޅު ފުރުސަތެއް އޮތީ މަޖިލީހުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއި އެކު ފުރަމާލެ އަށް އުފަންވެ، ދިރިއުޅުން މާލޭގައި ހޭދަކުރުމާއި އެކު ހަނދާން ހުންނަން ފެށީއްސުރެ މި މާލެ އަށް އައި ބަދަލުތައް ވަރަށް ކައިރިން ފެނިވަޑައިގަންނަވާފައިވާ ކަމަށް އައިމަން ވިދާޅުވިއެވެ. މާލެ އަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ތަނަކަށް ވާއިރު، ތޮއްޖެހިފައިވާ މާލޭގެ ކޮންމެ ދުވަހެއްގެ ހާލަތު ވަރަށް ރަނގަޅަށް ތަސައްވުރުކުރެވޭ ކަމަށާ ގެދޮރުގެ ތާށިކަމާއި، ކާރު ބާރު ބޮޑު މާލޭގެ ޓްރެފިކް މައްސަލައާއި، ދިރިއުޅުމުގެ ޚަރަދު ބަރަދު ބޮޑުވުން ފަދަ ރައްޔިތު މީހާގެ އާންމު ޝަކުވާ އިހުސާސްވެވަޑައިގަންނަވާ ކަމަށް އައިމަން ވިދާޅުވިއެވެ. އެފަދަ ކަންކަން ހައްލު ކުރެވޭނީ ކިލަނބުވެފައި ނެތް ސާފު ސުތުރާ މަޖިލީހެއް އޮވެގެން ކަން އައިމަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އޭނާގެ ތަޖުރިބާގެ އަލީގައި ޖޯޝާއި އެކު މަސައްކަތް ކޮށްފި ނަމަ އެކަންކަމަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ އަޑު އުފުލާނެ ލަޔާގަތުކަން ހުރި ކަމަށް ޤަބޫލު ކުރެވޭ ކަމަށާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމީ އެ ސަބަބާއި ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުރުސަތު ލިބިއްޖެ ނަމަ ހަގީގީ މާނައިގައި ރައްޔިތުންގެ ބޭފުޅަކަށް ވެވަޑައިގެން، ރައްޔިތުންގެ އަޑު އިއްވަވާނެ ކަމަށް އައިމަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ