ދޮންފަނު ރައްޔިތުން އެންމެ ބޭނުންވަނީ ނަރުދަމާ ނިޒާމެއް: ކައުންސިލް

ބ. ދޮންފަނު ރައްޔިތުން މިވަގުތަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ނަރުދަމާ ނިޒާމެއް އެރަށުގައި ގާއިމުކުރުމަށް ކަމަށް ދޮންފަނު ކައުންސިލުން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ދޮންފަނު ކައުންސިލް އިދާރާގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ދޮންފަނަކީ އެއްވެސް އިރަކު ނަރުދަމާއެއް އަޅާފައި އޮތް ރަށެއް ނޫން ކަމަށެވެ. އެހެންކަމުން ގޭގެއިން މިހާރު ނަޖިސް ބޭރުކުރަން ޖެހެނީ ކޮންމެ ގެއަކު ވެސް އެކަމަށް ހަދާފައި ހުންނަ ވަކި ސަރަހައްދަކަށް ކަމަށާއި އެގޮތަށް އަމަލުކުރަމުންދާތީ ރަށުގެ ފެން ފަށަލައަށް އެކަމުން އަސަރުތަކެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެގޮތުން ރަށުގެ ފެނުގެ ވަސްވެސް މިވަނީ ވަރަށް ނުބައިވެފައި. މިކަމުން ސިއްހީ މައްސަލަތަކެއް ކުރިމަތިވާނެތީ ކަންބޮޑުވޭ،" އަލީ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮނޑުދޮށާއި ކައިރީގައި ދިރިއުޅޭ ބައެއް ގެތަކުގެ ރައްޔިތުން އެމީހުން އަމިއްލައަށް މޫދަށް ހޮޅިއެޅުމަށް ކައުންސިލްގައި އެދެމުންދާ ކަމަށެވެ. ނަމަވެސް އެގޮތަށް ހޮޅިއަޅާނަމަ އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މިނިސްޓްރީން ވެސް ހިތްވަރުދޭ ގޮތަކަށް ނުވާތީ އެކަމުގެ ހުއްދަ ކައުންސިލުން ނުދޭ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ރަޝީދު ވިދާޅުވީ ދޮންފަނުގައި ނަރުދަމާ ނިޒާމު ގާއިމުކޮށްދިނުމަށް ސަރުކާރުތަކުގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މިމަޝްރޫއު އެއްގޮތަކަށް ވެސް ކުރިއަށް ނުދާ ކަމަށެވެ. އެހެންކަމުުން ދޮންފަނުގައި ރަނގަޅު ނަރުދަމާ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައްޔިތުން ސަރުކާރުގައި އެކަމަށް ވަަރަށް ބޮޑަށް އެދޭ މަޝްރޫއެއް ކަމަށްވެސް އަލީ ރަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
އަލީ ރަޝީދު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދަކަށްވާތީ އެ މުއްދަތުގެ ތެރޭގައި މިވައުދު ފުއްދަވައިދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަލީ ރަޝީދު އިތުރަށް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ވެސް ދޮންފަނަށް ހިމަނާފައިވަނީ އެންމެ މަޝްރޫއެއް ކަމަށާއި އެއީ ބަނދަރާ ގުޅޭ މަޝްރޫއެއް ކަމަށެވެ.
އާބާދީގައި 580 މީހުން ދިރިއުޅޭ ދޮންފަނުގައި 80 ގޭބިސީ ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ