އަފްޣާން ސަރުކާރާ ވާހަކަ ދައްކައިގެން ނޫނީ ގައުމަށް ސުލްޙަ ނުގެނެވޭނެ: އަބްދުﷲ އަބްދުﷲ

ކާބުލް (ޖަނަވަރީ 9): ތާލިބާނުން އަފްޣާން ސަރުކާރާ ޥާހަކަ ދައްކައިގެން މެނުވީ އަފްޣާނިސްތާނަށް ސުލްޙަ ނުގެނެވޭނެ ކަމަށް އެގައުމުގެ ތަންފީޒީ ރައީސް އަބްދުﷲ އަބްދުﷲ ވިދާޅުވެއްޖެއެވެ. ކާބުލްގައި ދެއްވި ބަޔާނެއްގައި ޑރ. އަބްދުﷲ އަބްދުﷲ ވިދާޅުވީ ތާލިބާނުން އަފްޣާން ސަރުކާރާ ސުލްހައިގެ ވާހަކަތައް ދައްކަން ދެކޮޅު ހެދުމަކީ އަފްޣާނިސްތާނަށް ސުލްޙަ ގެންނަން އެޖަމާއަތް ބޭނުންނުވާ ކަމުގެ ހެއްކެތްކަމުގައެވެ. އޭނާ ވިދާޅުވީ އެމެރިކާއަކީ ބޭރުގެ ބާރެއްކަމަށާ އެމެރިކާއާ ވާހަކަދައްކައިގެން އަފްޣާނިސްތާނުގައި ސުލްޙަ ގާއިމް ނުކުރެވޭނެ ކަމުގައެވެ. އަދި އަފްޣާން ސަރުކާރު އެއްފަރާތްކޮށްގެން އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަކީ ބލާހެއްކަން ތާލިބާނުންނަށް އެނގޭނެކަމަށާ ނަމަވެސް އެމީހުންނަކީ ގަތްދޫނުކުރާ ބައެއްކަމަށް އަބްދުﷲ އަބްދުﷲ ވިދާޅުވިއެވެ. މި ހަފްތާގައި ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަފްޣާން ސުލްޙައިގެ ވާހަކަތައް ކުރިޔަށް ނުގެންދިޔުމަށް ތާލިބާނުން އަންގާރަދުވަހު ވަނީ ނިންމާފައެވެ. ތާލިބާނުން ބުނެފައިވަނީ ގަތަރުގައި ބާއްވާ ސުލްޙައިގެ ވާހަކަތައް ކުރިޔަށް ނުގެންދަން ނިންމީ އެވާހަކަތަކުގެ އެޖެންޑާއާމެދު ހިތްހަމަނުޖެހިގެން ކަމުގައެވެ. އަފްޣާން ސަރުކާރު ބައިވެރިނުކޮށް އެމެރިކާއާއެކު ކުރިޔަށްގެންދަން ރާވާފައިވާ މިވާހަކަތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ކުރިން ތާލިބާނުން ދީފައިވެއެވެ. ގަތަރުގައި މިހަފްތާގައި ސުލްޙައިގެ ވާހަކަތައް ބާއްވާގޮތަށް ހަމަޖެއްސީ މިމަހުގެ ފަހުކޮޅު ސައޫދީގައި ބޭއްވުމަށް އެއްބަސްވި ސުލްޙައިގެ ވާހަކަތަކަށް ހާޒިރު ނުވުމަށް ތާލިބާނުން ނިންމި ނިންމުމަށް ފަހުގައެވެ. ސައޫދީގައި ބޭއްވުމަށް ހަމަޖެއްސި ވާހަކަތަކުގައި ބައިވެރިނުވަން ތާލިބާނުން ނިންމީ އެވާހަކަތަކުގައި އަފްޣާން ސަރުކާރު ބައިވެރިކުރަން ސައޫދީ ސަރުކާރު މަސައްކަތް ކުރަމުން ގެންދާކަމަށްބުނެ ބަހަނާތަކެއް ދެއްކުމަށްފަހުއެވެ. މީގެކުރިން އަފްޣާން ސުލްހައިގެ ވާހަކަތައް ގަތަރާއި ޕާކިސްތާނުގައި ބާއްވާފައި ވީނަމަވެސް އެވާހަކަތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. (ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ