ގުރައިދޫ ސްކޫލް ޕްރިންސިލަޕް ބަދަލު ކުރަން އިހުތިޖާޖު ކޮށްފި

ކ. ގުރައިދޫ ސްކޫލަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސި ޕްރިންސިޕަލާ މެދު ހިތްހަމަ ނުޖެހިގެން ގިނަ އަދަދެއްގެ ބެލެނިވެރިން ތަކެށް އެރަށު ސްކޫލުގައި މިއަދު އިހުތިޖާޖު ކޮށްފި އެވެ.
އެރަށު ބެލެނިވެރިން މިއަދު ހެނދުނު އިހުތިޖާޖު ކުރީ މިދިޔަ ހޯމަ ދުވަހު އެ ރަށު ސްކޫލަށް އާ ޕްރިންސިޕަލެއް އައްޔަން ކުރުމަށް ފަހު، އިއްޔެ އޭނާ ބަދަލު ކުރުމުންނެވެ. އެޑުއުކޭޝަނުން އިއްޔެ އެ ރަށަށް ހަމަޖެއްސީ މިދިޔަ އަހަރު ވެސް އެ ސްކޫލުގައި ހުރި ޕްރިންސިޕަލެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވީ، ގިނަ ބެލެނިވެރިން އެ ޕްރިންސިޕަލާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ބެލެނިވެރިން ބޭނުންވަނީ އާ ޕްރިންސިޕަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދަޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން ޕްރިންސިޕަލް އަލުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިއްޔެ އައްޔަން ކުރި، އެ ސްކޫލުގައި ކުރިން ހުރި ޕްރިންސިޕަލް މާލެ ގެނައުމުގެ މަސައްކަތް އެޑިއުކޭޝަނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މިއަދު ހެނދުނު 8:00 ގައި ފެށި އިހުތިޖާޖު މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ޕްރިންސިޕަލް ބަދަލު ނުކޮށްދޭނަމަ އަލުން އިހުތިޖާޖު ފަށާނެ ކަމަށް ބެލެނިވެރިން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ