ޓްރަމްޕްގެ ބިލާ ދެކޮޅަށް އަށް ގަޑިއިރަށްވުރެ ގިނައިރު ވާހަކަ ދައްކައިގެން ރެކޯޑެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައިވާ، ބައެއް ޚަރަދުތަކާއި ޓެކްސްތަކެއް މަދުކުރުމުގެ ބިލް ނުވަތަ "ބިގް ބިއުޓިފުލް ބިލް" އާ ދެކޮޅަށް ދަށުގެ، ކޮންގްރެސްގައި ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް އަށް ގަޑިއިރަށްވުރެ ގިނަ ވަގުތު ވާހަކަ ދައްކަވައި ރެކޯޑެއް ހައްދަވައިފިއެވެ. އެމެރިކާ ގަޑިން ބުރާސްފަތި ދުވަހުގެ ހެނދުނު 5:00 ކަންހާއިރު ޖެފްރީސް ކޮންގްރެސް ތަޅުމަށް ވަޑައިގެން އަށް ގަޑިއިރާއި 44 މިނެޓް ވަންދެން ވާހަކަފުޅު ދެއްކެވިއެވެ. ޖެފްރީސް ވާހަކަފުޅު ދިގުވުމުން އެ ބިލަށް ވޯޓަށް އެހުން ވެސް ވަނީ ލަސްވެގެންގޮސްފައެވެ. "ޑޮނަލްޑް ޓްރަމްޕްގެ ސުންގަޑިއަކީ މިނިވަން ދުވަސް ކަމަށް ވެދާނެ. އެއީ އަހަރެންގެ ސުންގަޑިއެއް ނޫން." ޖެފްރީސް ވިދާޅުވިއެވެ. " އަޅުގަނޑުމެން މަސައްކަތް ކުރަނީ ޑޮނަލްޑް ޓްރަމްޕަކަށް ނޫން، އަޅުގަނޑުމެން މަސައްކަތް ކުރަނީ އެމެރިކާގެ ރައްޔިތުންނަށް. އެހެންވެ މިހާރު މިތިބީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، އެމެރިކާގެ ރައްޔިތުންނަށްޓަކައި ތެދުވެގެން." "މި ބިލް ފާސްވެއްޖެނަމަ މި މުއައްސަސާ ލަދުގަންނަން ޖެހޭނެ. އެއީ އެމެރިކާއެއް ނޫން، އަހަރެމެން މިއަށްވުރެ ރަނގަޅު. އަހަރެމެން މާ ރަނގަޅު، އަހަރެމެން މާ ރަނގަޅު." ޖެފްރީސް ވިދާޅުވިއެވެ. "ޖާދޫގެ މިނިޓް" ތަގުރީރުގެ ގޮތުގައި ކޮންމެ ބިލަކަށް މަޝްވަރާ ނިމުމުން މަޖިލީހުގެ ލީޑަޝިޕްގެ މެމްބަރުންނަށް ވާހަކަ ދައްކަން ކަނޑައެޅިފައިވާ ވަގުތެއް ލިބޭ އުސޫލެއް އޮވެއެވެ. ޖެފްރީސް ވާހަކަފުޅު ދައްކަވާފައި ވަނީ އެ "ޖާދޫގެ މިނިޓް" ގައެވެ. ޖެފްރީސްގެ ރެކޯޑު މީގެކުރިން އޮތީ ރިޕަބްލިކަން ޕާޓީގެ އޭރުގެ ހައުސް މައިނޯރިޓީ ލީޑަރު ކެވިން މެކާތީ އަތުގައެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ރައީސް ޖޯ ބައިޑަންގެ 'ބިލްޑް ބެކް ބެޓާ" ބިލް ހައުސްއިން ފާސްކުރިއިރު އަށް ގަޑިއިރަށް ވުރެ ގިނައިރު ވާހަކަފުޅު ދައްކަވާފައެވެ. ޖެފްރީސްގެ ވާހަކަފުޅުގެ ބޮޑު ބައެއް ފޯކަސްކޮށްފައިވަނީ، އެ ބިލުގެ ސަބަބުން އުނދަގޫވާނެ ކަމަށް ބުނާ މީހުންގެ އަމިއްލަ ވާހަކަތައް ހިއްސާކޮށް، މުހިންމު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދޭ ގައުމީ ސިއްޙީ ނިޒާމު، މެޑިކެއިޑާއަށް ބިލުން ކުރާނެ އަސަރުތަކުގެ މައްޗަށެވެ. ކޮންގްރެސް ބަޖެޓް އޮފީހުން ބުނާ ގޮތުގައި މެޑިކެއިޑުގެ ބަޖެޓް ކަނޑާލުމާއި ސެނެޓުން ފާސްކުރި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އެމެރިކާގެ 11.8 މިލިއަން މީހުންގެ ހެލްތު އިންޝުއަރެންސް ގެއްލުން އެކަށީގެންވެއެވެ. ޓްރަމްޕް ހުށަހެޅުއްވި ބިލުގައި ވަނީ ހަތަރު ޓްރިލިއަން ޑޮލަރުގެ ޓެކްސް ނެގުން ހުއްޓާލައި ގައުމީ ސިއްހީ ނިޒާމު މެޑިކެއިޑާއި ކާބޯތަކެތި ހެޔޮ އަގުގައި ލިބިދޭ ފުޑް ސްޓޭމްޕަށް ކުރާ ޚަރަދުން 1.2 ޓްރިލިއަން ޑޮލަރު ކެނޑުމަށް ހިމަނައިފައެވެ. ނަމަވެސް ގައުމީ ސަލާމަތާއި ބޯޑަރު ހިމާޔަތް ކުރުމުގެ މަސައްކަތަށް 350 ބިލިއަން ޑޮލަރު އިތުރަށް ޚަރަދު ކުރުމަށް، 940 ސަފުހާގެ އެ ބިލުގައި ހިމަނައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ