ޝިމަންއާއި މަހްޒޫމަށް ކުރަނީ ސިޔާސީ ދައުވާ، ކުށްވެރިކުރަން: ފައްޔާޒު

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކަން ކުށްވެރި ކުރައްވައިފިއެވެ. ޔުމްނުގެ މައްސަލައިގައި އިންސާފަށް ގޮވާލައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މަހުޒޫމާއި ޝިމަން ތިން ދުވަހަށް ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، އޭގެފަހުން، ބަންދު މުއްދަތު ހަމަނުވަނީސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ. އެމައްސަލައިގައި އެދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ، މިދިޔަ މަހުގެ 25ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން، މަހުޒޫމްގެ މައްޗަށް ދައުވާ ކުރުމަށް ހުށަހެޅީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަމަށް ޕީޖީން ބުންޏެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ބަންދުކުރުމެވެ. ދައުވާ ކުރި ސަބަބެއް ކަމަށް ބުނީ، މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރާތީ ފުލުހުން އަޑުގަދަ ކުރާ ނެގި ވަގުތު މަހުޒޫމް ފުލުހެއްގެ މޭމަތީ އަތްއަޅައި ކޮއްޕަލާފައިވާތީ ކަމަށެވެ. ޝިމަންގެ މައްޗަށް ދައުވާ ކުރީ، ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. މިގޮތުން، ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީން ބުނީ، މިދިޔަ މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރި ސަރަޙައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، އޭނާ ފުލުހުންގެ ސަފު ރޫޅާލުމަށްފަހު، ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ އެ ފުލުހުންގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށެވެ. ޝިމަންގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހަށް ބަންދުކުރުމެވެ. މި މައްސަލައިގައި ފައްޔާޒު އެކްސްގައި ކުރެއްވި ޓްވީޓެއްގައިވަނީ ޒުވާނުންތަކެއް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހުތިޖާޖުކުރުމުގެ ހައްގު ބޭނުންކުރުމުގެ ސަބަބުން ޖިނާއީ ނިޒާމުގެ ތެރެއަށް އަނިޔާވެރިކަމާއެކު ވައްޓައިލުމަކީ ތާކުންތާކުނުޖެހޭ ކަމެއް ކަމަށެވެ. https://x.com/faya_i/status/1940821850377846794 އެއީ ސިޔާސީ މަގުސަދުތަކަށް ޓަކައި ކުރާ ދައުވާތަކެއްގެ ގޮތުގައި ސިފަކުރައްވައި ފައްޔާޒު ވިދާޅުވީ އެފަދަ ޝަރީއަތްތައް ތަކުރާރުވާތީ ހިތާމަ ފާޅުކުރައްވައިފައެވެ. "މިއީ ޒުވާނުންގެ ކަންބޮޑުވުންތަކުގެ އަޑު ކަނޑުވައިލުމަށް ސަރުކާރުން ކުރާ ދެރަވަރު މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ. އާންމު ގޮތެއްގައި މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުން ބަންދު ކުރުމަށްފަހު ވަރަށް އަވަހަށް ދޫކޮށްލައެވެ. ޔުމްނުގެ މައްސަލަ ބެލި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ވެސް ބުނެފައެވެ. https://sun.mv/207422 އެ މައްސަލައިގައި އަށް މީހަކު ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް އެކަންޏެވެ. ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުން އޭޕްރިލް 24ގައެވެ. އެއަށްފަހު އޭނާގެ ބަންދު އިތުރުކުރަމުން ދަނިކޮށް، މިދިޔަ މަހުގެ 26ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ. ޕީޖީ އޮފީހުން ބުނީ އޭނާ ދޫކޮށްލީ އޭނާއަށް ކުރާ ދައުވާގެ އަދަބަށްވުރެ ބަންދު އިތުރުވުމުން ކަމަށެވެ. އެ މައްސަލައިގައި ރައުދުގެ މައްޗަށް އުފުލީ، އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ޔުމްނުގެ ހައްގުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ޒުވާނުން ބުނަމުން ދިޔައީ އެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށާއި ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ