ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރުމަށް ރާއްޖެ ނައުމަށް ގޮވާލައިފި

ބަންގްލަދޭޝް ރައްޔިތުން ވަޒީފާ ހޯދައި މަސައްކަތް ކުރުމަށް ރާއްޖެ ނައުމަށް ބަންގްލަދޭޝްގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައިފި އެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ނިއު އޭޖް"ގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައިވަނީ އެ ގައުމުގެ ރައްޔިތުންނަށް މިއިލްތިމާސް ކޮށްފައިވަނީ އެ ގައުމުގެ އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓުން ކަމަށެެވެ. އެ އިދާރާއިން މިގޮތަށް އިލްތިމާސް ކުރީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ލިޔުމުގައިވެ އެވެ.
"ވަޒީފާ ހޯދަން އަައިސް ވަޒީފާ ނުލިބި ބަންގްލަދޭޝް އެތައް ބަޔަކު އެބަތިބި ރާއްޖޭގައި،" ހައިކޮމިޝަނާ ހަވާލާދީ ނޫހުގައި ލިޔެފައިވެ އެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރާ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. މީގެ ތެރެއިން ގިނަ ބަޔަކު ގަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ ބުނަމުންނެެވެ.
މިދިޔަ ހަފްތާގައިވެސް ވަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ 69 ބިދޭސީން އަތުލައިގެންފަ އެވެ. މީގެ ތެރެއިން ލިޔެކިޔުންތައެް ތައްޔާރުކޮށް ނިމުނު 31 މީހަކު މިހަފްތާ ތެރޭގައި ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި ބާކީތިބި މީހުންވެސް މިހަފްތާތެރޭގައި ފުރުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ