ވޯޓުލާން ވީމަ އައްޑޫ ރައްޔިތުން އޯކޭ، ކެބިނެޓުން ޖާގަ ދޭންވީމަ އައްޑޫ އޯކޭ ނުވި!

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ފެށީ އައްޑޫ ސިޓީންނެވެ. އަދި އެ އިންތިޚާބުގެ ކެމްޕެއިން ނިންމާލީ ވެސް އައްޑޫ ސިޓީންނެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވީޑިއޯ ކޯލް މެދުވެރިކޮށް ބައިވެރިވެވަޑާއިގެންނެވި އެ ކެމްޕެއިން ޖަލްސާތަކުގައި ނަޝީދު ވިދާޅުވެފައިވަނީ އިދިކޮޅުން އައްޑޫ ސިޓީއަށް ވަރަށް އިސްކަމެއް ދޭނެ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަންގެ ފަރާތުން ދިވެހި ސަރުކާރާ ހަވާލުވެވަޑައިގެން، އެ ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ނެންގެވި ފިޔަވަޅުންވެސް އައްޑޫ ރައްޔިތުންނަށް މާޔޫސްކަން ގެނުވައިފިއެވެ. އެގޮތުން އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެބިނެޓު ވަޒީރުން ހުވާކުރައްވާފައިވާއިރު މިފަހަރުގެ ކެބިނެޓުން އައްޑޫގެ އެއްވެސް ބޭފުޅަކަށް ފުރުސަތު ލިބިވަޑައިގެންފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެކަމާ ގުޅިގެން އައްޑޫ އަށް ނިސްބަތްވާ އެތައް ރައްޔިތަކު ދަނީ ސޯޝަލް މީޑިޔާގެ އެކިއެކި ޕްލެޓް ފޯމްތަކުގައި ނުރުހުން ފާޅުކޮށް އަޑު އުފުލަމުންނެވެ.މިއީ ފަހުގެ ކެބިނެޓެއްގައި އައްޑޫއަށް ނިސްބަތްވާ ބޭފުޅަކު ނުހިމެނުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އާބާދީގައި އެންމެ ތައުލީމީ މީހުން ގިނަ އައްޑޫ ބޭފުޅަކު ކެބިނެޓުގައި ނުހިމެނު ފުރަތަމަ ފަހަރު ކަމަށްވެގެންދިޔައިރު އެކަމާ ކަންބޮޑުވުން ފާޅުކޮށް އައްޑޫ ރައްޔިތުން ދަނީ ޖަޒީރާ ރާއްޖޭގައި އެ ރައްޔިތުންގެ ހިއްސާ ކޮބައިތޯ ސަރުކާރާ ސުވާލުކުރަމުންނެވެ. އަދި އައްޑޫގެ ބައެއް ރައްޔިތުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެބިނެޓް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލަމުންނެވެ. މީގެ އިތުރުން އައްޑޫގެ ބައެއް ރައްޔިތުން ބުނަމުންދަނީ ދިވެހިރާއްޖޭގެ ޗާޓުން އައްޑޫވެސް ފޮހެލުމަށާ އަދި މަލިކު އިންޑިޔާ އަށް ދިން ހެން އައްޑޫ ވެސް އިންޑިޔާއާ ޙަވާލުކުރުމަށް ރުޅިވެރިގޮތަށް ބުނެފައެވެ.އައްޑޫ އިންޑިޔާއާ ޙަވާލުކުރުމަށް އެ ސިޓީގެ ރައްޔިތުން ބުނެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުނެފައިވަނީ އިންޑިޔާ ކަނޑުގެ ހަމަޖެހުން ޤާއިމްކޮށްދެވޭނީ އައްޑޫ ރައްޔިތުންނަށް ކަމަށެވެ. އައްޑޫގެ ރައްޔިތުންގެ އިޙްސާސްތައް މިހެން ހުރިއިރު ފާހަގަކޮށްލަން ޖެހެނީ އައްޑޫ ސިޓީއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ޞާލިހަށް އެންމެ ގިނަ ވޯޓު ކަށަވަރުކޮށްދިން ދާއިރާ ކަމެވެ. އެގޮތުން އައްޑޫ އިން 70 އިންސައްތަ މީހުން ވޯޓު ދިނީ އިބްރާހިމް މުހައްމަދު ޞާލިޙްއަށެވެ. ނަމަވެސް މިއަދު ފެނިގެން ދިޔައީ އެ ރައްޔިތުން ބާކީވި މަންޒަރެވެ. އައްޑޫ ރައްޔިތުން އެ ބީދައިން ސަރުކާރަށް ނުރުހުން ފާޅުކުރަން މިހާ އަވަހަށް ފަށާފައިވާއިރު އެ ރައްޔިތުން ހަނދާނުން ފިލައިގެން ނުދާނެ އެތައް ގެއްލުންތަކެއް އެމްޑީޕީން ވަނީ އެ ސިޓީއަށް ދީފައެވެ.އެގޮތުން 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމުން އެމްޑީޕީ މީހުން އިސްވެ ތިބެ 8 ފެބްރުއަރީ 2012ގައި މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުމުގައި އައްޑޫގެ ގިނަ ތަންތާގައި ހުޅުޖަހާ އައްޑޫގެ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ޖައްސާލިއެވެ. މިއަދު އަނެއްކާވެސް ފެނިގެން ދިޔައީ އެމްޑީޕީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނެވި އިބޫގެ ސަރުކާރުން އައްޑޫ ރައްޔިތުން ބާކީ ކޮށްލި މަންޒަރެވެ.އައްޑޫ ރައްޔިތުން މިއަދު ބުނަމުން ދަނީ އިދިކޮޅުގެ ވެރިނަންނަށް އައްޑޫ ރައްޔިތުން ފެންނަނީ އިންތިޚާބުތައް ކައިރިވުމުން ކަމަށާ އިންތިޚާބުތައް ނިމުމުން އަނެއްކާވެސް އެ ރައްޔިތުން މަތިން ހަނދާން ނެތޭ ކަމެވެ. އައްޑޫ ރައްޔިތުން ހަރު އަޑުން ބުނަމުންދަނީ ވޯޓުލާންވީމަ އައްޑޫ ރައްޔިތުން އޯކޭވާ ކަމަށެވެ. ނަމަވެސް މިއަދު ކެބިނެޓުން ޖާގަ ދޭންވީމާ އައްޑު ރައްޔިތުން އޯކޭ ނުވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ