އާސިއާން އާއި ސާފްގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އިންޑިއާގެ ޓީމަށް ދިނުމަށް، ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) އިން ސާފް ފިރިހެން ޗެމްޕިއަންޝިޕް ބާއްވަން ތާވަލު ކުރީ ސެޕްޓެމްބަރު 21 އިން އޮކްޓޯބަރު ހަޔަކަށެވެ. އެކަމަކު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށް މުޅިން އަލަށް ބާއްވާ ފީފާ އާސިއާން ކަޕްގައި، ސާފްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑޮނޭޝިއާ އާއި ހޮންކޮންގްގައި ބާއްވާ މުބާރާތް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 21 އިން އޮކްޓޯބަރު ހަޔަކަށެވެ. އިންޑިއާއިން 23 އަހަރުން ދަށުގެ ޓީމެއް ސާފް ޗެމްޕިއަންޝިޕަށް ފޮނުވުމުގެ ހިޔާލު ގެންގުޅުނެވެ. އެކަމަކު ސާފްއިން ބޭނުން ވަނީ އިންޑިއާގެ ސީނިއާ ޓީމު، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާށެވެ.
އެހެންވެ، އިންޑިއާ އަށް ފަހިވާނެ ގޮތަށް ސާފް ޗެމްޕިއަންޝިޕް ތާރީހް ބަދަލު ކުރަން ނިންމީ ކަމަށް ސާފްގެ ސެކްރެޓަރީ ޖެނެރަލް ޕުރުޝޯތަމް ކާޓެލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންޑިއާގެ ފުޓްބޯޅައިގެ ސައިޒާއި އޮތް މާކެޓަށް ބަލައި، މުބާރާތް ނޮވެމްބަރަށް ފަސްކުރީ ސާފްގެ އެހެން މެންބަރު ގައުމުތަކުގެ ހިޔާލާ ވެސް އެކުގައި ކަމަށެވެ.
"ގައުމުގެ ބޮޑުމިނަށާއި ފުޓްބޯޅައިގެ ފެންވަރަށް އަދި މާކެޓަށް ބަލައި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ބައިވެރިވުމަކީ އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުގައި ޕުރުޝޯތަމް ވިދާޅުވި އެވެ.
"އަހަރެމެން ވާނީ (ސާފްގެ) މެންބަރު ހަތް އެސޯސިއޭޝަނާ ވެސް ވާހަކަދައްކާފައި. އަދި ބަންގްލަދޭޝްގައި ނޮވެމްބަރު މަހުގެ ތެރޭގައި މުބާރާތް ބޭއްވުމަށް އެ ހުރިހާ ގައުމެއްގެ ރުހުން ވަނީ ލިބިފައި."
ނޮވެމްބަރު މަހުގެ ފީފާ ޕީރިއަޑަކީ ނުވަ ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހަށެވެ. ހަތް ޓީމުގެ މެދުގައި ލީގު އުސޫލުން މުބާރާތް ކުޅޭނަމަ އެއީ އެކަށީގެންވާ މުއްދަތެއް ނޫންކަން، ޓައިމްސް އޮފް އިންޑިއާގެ ފުޓްބޯޅަ ނޫސްވެރިޔާ މާކަސް މަރްގާއޯ ލިޔެފައިވެ އެވެ.
އެކަން ހައްލު ކުރަން ދުރާލައި މުބާރާތް ފަށާނެ ކަމަށް ސާފްގެ ސެކްރެޓަރީ ޖެނެރަލް ޕުރުޝޯތަމް ވިދާޅުވި އެވެ.
"އަހަރެމެން ބަލަންޖެހޭނެ ރެޖިސްޓްރޭޝަން މަރުހަލާ ކުރިއަށްދާނީ ކިހިނެއްތޯ. ދެ ގައުމެއްގެ ސިޓިޒަންޝިޕް ހުއްދަކުރާ ގައުމުތަކުގައި ބޭރު ގައުމުތަކަށް އުފަން ގިނަ ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިން ކުޅޭނީ ގައުމުން ބޭރުގައި. އެހެންވެ އަހަރެމެންނަށް ޖެހޭނީ މުބާރާތް ކުޑަތަންކޮޅެއް އަވަހަށް ފަށަން،" އޭނާ ވިދާޅުވި އެވެ.
ފީފާގެ ވިންޑޯ އަށް ވުރެ އަވަހަށް މުބާރާތް ފަށާނަމަ، މައްސަލަ ކުރިމަތިވާނީ ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިން ގިނައިން ހިމެނޭ ޓީމުތަކަށެވެ. ހާއްސަކޮށް ސްރީ ލަންކާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝްއަށް މި މައްސަލަ ކުރިމަތިވާނެ އެވެ.
އެ ތިން ގައުމަކީ ޔޫރަޕްގެ އެކި ގައުމުތަކުގައި ކުޅޭ ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ ސްކޮޑްތަކެއް އޮތް ޓީމުތަކެވެ. އެ ކުޅުންތެރިންނަށް ގައުމީ ޓީމުތަކަށް ދާން ކްލަބުން ރިލީޒް ދޭނީ ހަމައެކަނި ފީފާގެ ރަސްމީ ޕީރިއަޑްގަ އެވެ.
އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ދައުވަތު ލަންކާއިން ގަބޫލުކުރި ނަމަވެސް، އެ ފުރުސަތު އެ ގައުމުން ފަހުން ދޫކޮށްލި އެވެ. އޭގެ ސަބަބަކީ، އެ ގައުމުގެ ބައެއް ނޫސްވެރިން ބުނާގޮތުގައި ޓީމުގެ ކުޅުންތެރިން އެ ތާރީހަށް ލިބުމުގައި ހުރި ދަތިތަކަކާ ހުރެ އެވެ.
ހާއްސަކޮށް އެ ގައުމުގެ ގައުމީ ޓީމުގައި ހިމެނޭ ބޭރު ގައުމުތަކުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ލިބުމުގައި ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. ލަންކާގެ ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ފީފާ އިންޓަނޭޝަނަލް ވިންޑޯ ނިމުމުގެ ކުރިން ކްލަބްތަކަށް ދޫކުރަން ޖެހެކަމަށް ލަންކާގެ ފުޓްބޯޅަ އިދާރާއިން ބުނާ ކަމަށް އެ ގައުމުގެ ނޫސްވެރިން ބުންޏެވެ.
ރާއްޖޭގެ މުބާރާތް ނިމުމުގެ ކުރިން ފީފާގެ ޕީރިއަޑް ނިމޭނެތީ، ކުޅުންތެރިން ރިލީޒް ކުރަން ޖެހެ އެވެ. އެ ޕީރިއަޑް ނިމުމަށް ފަހު ކުޅުންތެރިން ދާން ކްލަބްތަކަށް ޑިމާންޑް ކުރާނަމަ، ދޫނުކޮށް ހިފެހެއްޓުމުގެ ހައްގެއް ގައުމީ ޓީމުތަކަށް ނޯވެ އެވެ.
އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަންނަ މަހު 10 އަށް ރާއްޖޭގެ މުބާރާތް ކުރިއަށްދާއިރު، ފީފާގެ އިންޓަނޭޝަނަލް ވިންޑޯ ޕީރިއަޑަކީ ހޯމަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
ފީފާގެ ވިންޑޯގެ ޕީރިއަޑަށް މުބާރާތް ފައްތާނަމަ، ސާފަށް ޖެހޭނީ ގުރޫޕް ފޯމެޓަށް މުބާރާތް ކުޅޭށެވެ. އެ ފޯމެޓަށް މީގެ ކުރިން ބޭއްވި ސާފްގެ މުބާރާތްތައް ގާތްގަނޑަކަށް 10 ދުވަުގެ ތެރޭގައި ނިންމާލާފައި ވެއެވެ.
އިންޑިއާއަށް އާސިއާން މުބާރާތް ކުޅެވޭގޮތަށް، ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ