މިފެށޭ ރިޔާސީ ދައުރުގައި ދިވެހި ރައްޔިތުން ދެކޭނީ ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެން ދާ މަންޒަރު.: ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙް

މާތް ﷲ ގެ ވާގިފުޅާއެކު، މިފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެން ދާ މަންޒަރު ކަމަށާއި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެން ދާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު، ޤައުމާ މުޚާޠަބު ކުރައްވައި، މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއަދު އަޅުގަނޑު ކުރަން މިފަށާ މަސައްކަތަކީ، ދިވެހި ދައުލަތުގެ އެންމެހައި ކަންތައްތައް ޤާނޫނުއަސާސީގެ އިމުގެތެރެއަށް ގެނެސް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކޮށްދިނުމުގެ މަސައްކަތް. މާތް ﷲ ގެ ވާގިފުޅާއެކު، މިފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެން ދާ މަންޒަރު. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެން ދާ މަންޒަރު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި އެވެ.
ރައީސް އިބޫ ވިދާޅުވީ އިރާދަކުރެއްވިއްޔާ އަލަށް މި އުފެދިގެންދާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، މީހެއްގެ ނަސްލަށް، ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ބައްލަވައި، ތަފާތެއް ނުކުރައްވާނެ ކަމަށާއި، ހަމަ އެއްވެސް ރައްޔިތަކު ބާކީވެގެނެއް ނުދާނެ ކަމުގަ އެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދައުލަތް ހިންގުމުގެ ނިޒާމެއް ދިވެހީންނަށް ގެނެސްދިން ޤާނޫނުއަސާސީއަކީ، ދިވެހި ރައްޔިތުންނަށް ކުރިން ލިބިފައިނުވާ އެތަކެއް ޙައްޤުތަކެއް ކަށަވަރުކޮށްދިން ޤާނޫނުއަސާސީއެއް ކަމަށާއި، އެއީ ތިންބާރު ވަކިވެފައިވާ، ދައުލަތް ހިންގުމުގެ ނިޒާމެއް ދިވެހިންނަށް ގެނެސްދިން ޤާނޫނުއަސާސީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންނަމަވެސް، ހިތާމަޔަކީ، އާ ޤާނޫނުއަސާސީއެއް ލިބިގަނެ އަޅުގަނޑުމެން ކުރި އުއްމީދުތައް މިއަދު ވިއްސިވިހާލިވެ، އެ ޤާނޫނުއަސާސީ ގެނެސްދިން ނިޒާމު ޚަރާބުވެފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަޤާމާ އެމަނިކުފާނު ހަވާލުވެވަޑައިގަންނަވާއިރު، ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، ރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރެވިގެންދާ ތަން ފެނުން ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ފާއިތުވި ދިހަވަރަކަށް އަހަރުދުވަހު ދިވެހީން ކުރި ތަޖުރިބާއިން އެނގުނު ޙަޤީޤަތަކީ، ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމެވެ. ފަނޑިޔާރުގެއަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަމަށާއި ޤާނޫނުއަސާސީ ތަޞައްވުރުކޮށްފައިވާ ފަދައިން ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާޙައުލެއް ފަހިކޮށްދޭންޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނީ ޢިލްމާއި، ޝަރީޢަތްކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމްކުރަން ޖެހިފައިވާކަމެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއީ، އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކުރައްވަން ފަށްޓަވާނެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ މާލީ ޙާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރެއްވިއެވެ. ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫޢުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށާއި، ޚިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި ކަމުގައި ވިދާޅުވިއެވެ. [އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާސަތަކުގައި އަށަގަނެ މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޘަޤާފަތް ނައްތާލުން. ދައުލަތުގެ އިދާރާތަކަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަންޖެހޭ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމުގެ އިތުރުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ޤާނޫނީ ރައްކާތެރިކަން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އެމަނިކުފާނު މި އެކުލަވައިލައްވާ  ސަރުކާރުގައި، ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރާ ކަމަކާ ގުޅިގެން، ޝަކުވާއެއް އުފުލަން ބޭނުންވެއްޖެ ކޮންމެ ރައްޔިތަކަށްމެ، އެ މަގު ފަހިވެފައި އޮންނާނެ ކަމަށާއި، މިފަދަ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެކަމަށް ޚާއްޞަ ނިޒާމެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރައްވާނެކަން ހާމަކުރެއްވިއެވެ.  ޤާނޫނުއަސާސީއާއި، ދިވެހިރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅުއްވަން ފަސްޖެހޭނޭ ފިޔަވަޅެއް ނޯންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ