ކޮން ޖަޒީރާ ރާއްޖެއެއްތޯ؟: ގާސިމް
ޖުމްހޫރީ ޕާޓީ ހިމެނޭ ސަރުކާރު ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ވާދަ ކުރި އިރު ބޭނުން ކުރި ކެމްޕެއިން ސްލޯގަލް، "ޖަޒީރާ ރާއްޖެ"އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑު ވިދާޅުވެއްޖެ އެވެ. ޖަޒީރާ ރާއްޖެ ސްލޯގަން އަކީ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ކުރެއްވި ސްލޯގަނެކެވެ. އެފަހުން ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެެއިން ސްލޯގަންގެ ގޮތުގައި ވެސް ބޭނުން ކުރީ ޖަޒީރާ ރާއްޖެ އެވެ. މިރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި، އެ ޕާޓީއަށް މެމްބަރުން ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ގާސިމް ވަނީ، އެމްޑީޕީން މީގެ ކުރިން ބޭނުން ކުރި ކެމްޕެއިން ސްލޯގަންއެއް ކަމަށްވާ "އަނެއް ދިވެހި ރާއްޖެ"އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. "ބަލަ އަނެއް ދިވެހިރާއްޖެ އެއީ ކޮން ދިވެހި ރާއްޖެއެއްތޯ. މީގެ އެއްހާސް ދެހާސް އަހަރު ކުރީން މިތާ ބުޑިސްޓުން އުޅުނީމާ އެވާހަކަތޯ މި ދައްކަވަނީ. ރީތިކޮށް ބުނެލަންވީ ނޫންތޯ އެއީ އޭ ތިމަންނާމެން މި ދައްކާ ވާހަކައަކީ،" "ދެން މިހާރު ޖަޒީރާ ރާއްޖެ. ކޮން ޖަޒީރާ ރާއްޖެއެއްތޯ؟ ދިވެހި ރާއްޖެއެއް ނޫންތޯ މި ދިވެހ ިރާއްޖެއަކީ. ދިވެހި ރާއްޖެ ކިޔާ އެހެން ރާއްޖެއެއް ނޯވޭ. ދެން އެހެން ނަމެއްވެސް ކިޔަންވީ ނޫންތޯ ދެއްތޯ. ކޮންއެއްޗެއް އޮޅުވާލަންތޯ މި އުޅުއްވަނީ،" ގާސިމް ވިދާޅުވި އެވެ. އެމްޑީޕީއާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވި ނަމަވެސް، ގާސިމް މިރޭ ވިދާޅުވީ، އަދިވެސް ބޭނުންފުޅުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅިގެން އެކީގައި މަސައްކަތް ކުރައްވަން ކަމަށެވެ. "ގާނޫނު އަސާސީ އާއި ގާނޫނުގެ ހުދޫދުގެ އިމުގެ ތެރެއިން އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގާނޫނީ ވާޖިބު އަދާ ކުރައްވަމުން ގެންދަވާ ހިނދަކު އަޅުގަނޑުމެން ތިބޭނީ އެކުއެކީ އަތުގުޅާލައިގެން،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ