ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް - ކޯލިޝަން

ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް "ގައުމައިގެން ކުރިއަށް" ކޯލިޝަނުން މިއަދު ބުނެފި އެވެ.
ރާވެރިޔާ ޖަގަހައިގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ރައީސް ވަހީދު އުފައްދަވާފައިވާ ކޯލިޝަންގެ ތަރުޖަމާނު އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ރިޔާސީ އިންތިހާބުގައި މި ފަހަރު ވާދަކުރާ ފަރާތްތަކަށް ވުރެ ރައީސް ވަހީދުގެ ކޯލިޝަން އޮތީ ތަންކޮޅެއް ކުރީގައި ކަމަށެވެ.
އަދި އެކޯލިޝަންއިން ދެ ޕާޓީ ވަކިވި ނަމަވެސް އެކޯލިޝަންގެ ކެމްޕެއިނަށް އެއްވެސް ހުރަހެއް ނައިސް ކުރިން ރޭވި ގޮތަށް ކުރިއަށްދާ ކަމަށް ނާފިޒް ވިދާޅުވި އެވެ.
މި ގޮތުން މިއަދު ހަވީރު ޒުވާނުންގެ ސައިކަލް ބުރަކާއި ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ރޭ ކުރިއަށް ގެންދާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުގޮސްފި ނަމަ ކުރާނެ ކަންތަކުގެ ވާހަކަ ބައެއް ފަރާތްތަކުން ދައްކަނީ އެފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އޮތް އިތުބާރުގެ ކުޑަކަމުން ކަމަށް ވެސް ނާފިޒު މިއަދު ވަނީ ވިދާޅުވެފައެވެ.
"ދެ ވަނަ ބުރަށް ނުދާނެ ކަމަށް އަޅުގަނޑުމެން ވިސްނައިގެން ތިބޭ ހާލަތެއްގައި އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ސަޕޯޓަރުން މާޔޫސްކޮށް އަނެއްކާ ދެ ވަނަ ބުރަށް ގޮސްފި ކަމަށް ވަންޏާ ނުވަތަ ނުގޮސްފި ކަމަށް ވަންޏާ ކަންތައްތަކެއް ނުވަތަ ޕްލޭންތަކެއް ރޭވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުރަތަމައިނުން ވެސް ބަލި ގަބޫލުކުރުން،" ނާފިޒް ވިދާޅުވި އެވެ.
ނާފިޒު މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ނުވެ، ދެވަނަ ބުރަށް ދާ ދެ ޕާޓީ އަކީ އެމްޑީޕީ އާއި ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓުން ކަމަށް ވެއްޖެ ނަމަ ގާސިމަށް ތާއީދުކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ