ޢިބްރަތްތެރި ވާހަކަ: ރަޙިމުގެ ގުޅުން ކެނޑޭގޮތަށް ލޯބީގެ ކުޅިގަނޑު ކުޅުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެކަމެއް!

އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިލާންޖެހުނު ހިތްދަތި ދުވަސްތަކުގެ ވާހަކަތައް ކިޔައިދޭން ފަށާނީ ކިހާ ހިސާބަކުންކަން ކަނޑއަޅަންވެސް ވަރަށް އުނދަގުލެވެ. އެހެންކަމާއިއެކުވެސް ކޮންމެވެސް ހިސާބަކުން ފަށާނަމެވެ.
އަޅުގަނޑުމެންގެ ބައްޕަ އަޅުގަނޑުމެން ދޫކޮށްލާފައި ދިއައިރު 4 ދަރިން ތިއްބެވެ. 2 އަންހެންދަރިންނާއި 2 ފިރިހެންދަރިންނެވެ. އެންމެ ދޮށީ އަޅުގަނޑެވެ. އަޅުގަނޑުގެ ޢުމުރަކީ އެންމެ 20 އަހަރެވެ. އެހެންކަމާއިއެކުވެސް ޢާއިލާގެ ޒިންމާ އުފުލަން މަސައްކަތްކުރީމެވެ. 
ޔުނިއަށް ދިއުން ހުއްޓާލާފައި ވަޒީފާއަދާކުރަންފެށީމެވެ. އަމިއްލައަށް ރޭގަނޑު ކިޔަވަން ފެށީމެވެ. އެއީ ކިތަންމެހައިވެސް ބުރަ ކަމެކެވެ. އަދި ދުވަހަކުވެސް އުންމީދުކޮށްގެން ހުރި ގޮތެއްވެސް ނޫނެވެ. ނަމަވެސް އެހެން ގޮތެއް ނެތުމުން މަޖުބޫރުވީއެވެ. ކުރި މަސައްކަތް ކާމިޔާބުވެސްވިއެވެ. ވިޔަފާރީގެ ދާއިރާއިން މާސްޓަރސް ޙާޞިލުކުރީމެވެ. އަދާކުރަމުން ދިއަ ވަޒިފާގައި ކުރިއެރުން ހޯދަމުންގޮސް ޢުމުރުން 25 އަހަރުގައި އަމިއްލަ ފައިމައްޗަށް ތެދުވީމެވެ. 
2 އަންހެން ކޮއްކޮއަށް ކިޔަވައިދިނީމެވެ. ފިރިހެން ކޮއްކޮ ކިޔެވުން ހުއްޓައިލީ އަމިއްލައަށެވެ. އެހެންކަމާއިއެކުގައިވެސް 4 ބެއިންނާއި މަންމަގެ މެދުގައި ނުވަތަ 5 މައިންގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. ޢުމުރުން 27 އަހަރުގައި ކައިވެންޏެއް ކުރަން ނިންމީމެވެ. މަންމަ ބޭނުންވީ ދަރިއަކު ފަދައިން މަންމަ ލޯބިވާ މަންމަގެ ދުރުތާ ތިމާގެ ކުއްޖަކާއި ކައިވެނިކުރާށެވެ. އެކަންވެސް ޤަބޫލުކުރީމެވެ. 
މަންމަ އޭނާ ގެއަށް ގެނެސްގެން ގެންގުޅެންވެސް ފެށިއެވެ. ނިންދެވީ މަންމަގެ ކޮޓަރީގައެވެ. ދެމީހުންގެ މެދުގައި ލޯބި އުފެދެމުން އައިސް ދެމީހުންނަށް ވަކިނުވެވޭ ޙާލަތަށް ކަންކަން ދިއައެވެ. ނަމަވެސް ދޮށީ އަންހެން ކޮއްކޮ އެކަމަށް އެއްބަހެއް ނުވެއެވެ. ނަމަވެސް ސަބަބު ސާފުކޮށެއް ނުބުނެއެވެ. ބުނަމުން އައީ ކައިވެނިކުރަންއުޅޭ ކުއްޖާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ. 
ކައިވެނިކުރަން ދުވަސް ކަނޑައަޅައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަނިކޮށް އެއްދުވަހަކު ކޮއްކޮ އޮފީހަށް އައެވެ. ބުނީ ޝައްކު ކުރަމުން އައި ކަންތަކުގެ ޙަޤީޤަތް ހޯދިއްޖެ ކަމަށާއި ޙަޤީޤަތް މިއޮތީ ކަމަށެވެ. ބުނެފައި ކޮއްކޮގެ ފޯނުން ދައްކައިލީ ވީޑިއޯއެކެވެ.
ވީޑިއޯއިން ފެންނަނީ ލޯބިވެވި ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކުއްޖާއާއި އަޅުގަނޑުގެ ފިރިހެން ކޮއްކޮ އާއި ލޯބީގެ ގުޅުން ހިންގާތަނެވެ. އަދި ދެއްކި ވާހަކައިން އެނގުނީ އޭނާ އަޅުގަނޑުދެކެ ލޯބިނުވާ ކަމާއި ލޯބިވަނީ ކޮއްކޮދެކެ ކަމެވެ. ރާވަމުން ދަނީ އަޅުގަނޑާއި ކައިވެނިކޮށް އަޅުގަނޑުގެ ވިޔަފާރީގެ ތެރެއަށް ވަދެ ފައިސާތައް ވަގަށް ނަގައިގެން ދެމީހުން ފިލަންކަމެވެ. 
އަޅުގަނޑަށް އެއީ ޙަޤީޤަތް ކަމަށް ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. އެހެންކަމާއިއެކުވެސް ކޮއްކޮ ބުނި ބަހަށް އިތުބާރުކޮށްފައި އެރޭ ތަންކޮޅެއް އަވަހަށް ގެއަށް ދިއައިމެވެ. ގޮސް ކޮޓަރިއަށް ވަންއިރު ދެމީހުން ތިބީ އަޅުގަނޑުގެ ކޮޓަރީގައި އަޅުގަނޑުގެ އެނދުގައެވެ. ލޯބިކުރާށެވެ. ބޭއިޚްތިޔާރުގައި އަޅުގަނޑަށް އަޑުގަދަކުރެވުނެވެ. އެއަޑަށް މަންމައާއި 2 އަންހެން ކޮއްކޮވެސް ކޮޓަރިއަށް އައެވެ. 
އަޅުގަނޑު ބޭނުންވީ ދުވަސްކޮޅަކަށް ގެއިން އަޅުގަނޑުދާށެވެ. ނަމަވެސް އަޅުގަނޑަށް ލިބޭނެ  ހިތްދަތިކަމަށް ވިސްނާފައި މަންމަ އާއި 2 އަންހެންކޮއްކޮ ބޭނުންވީ އަޅުގަނޑު ގޭގައި އެމީހުންގެ ގާތުގައި ހުރެފައި އެ 2 މީހުން ގެއިން ނެރެލާށެވެ. އަޅުގަނޑުވެސް އެގޮތް ޤަބޫލުކުރީމެވެ.
އެއަންހެނާ ބުނީ އެއީ އޭނާކުޅުނު ޑްރާމާއެއް ކަމަށާއި ލޯބިވަނީ އަޅުގަނޑު ދެކެ އެކަނި ކަމަށެވެ. އަޅުގަނޑާއި ނުލައި ދުނިޔޭގައި ނުއުޅެވޭނެ ކަމަށެވެ. ނަމަވެސް ކޮއްކޮ އޭނާގެ ބަސްދޮގުކޮށް ދެމީހުން ސިއްރުން ރާވަމުން އައި ކަންކަން ކިޔައިދިނެވެ. އަދި ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ވެސް ކިޔައިދިނެވެ. އަންހެންމީހާ ބުނީ އެދައްކަނީ އެއްވެސް އަޞްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. 
ކޮންމެއަކަސް އެދެމީހުން ގެއިން ނެރެލިއެވެ. ކޮއްކޮ ދިއައީ ބޮޑުދައިތައެއްގެ ގާތަށެވެ. އަޅުގަނޑަށް ލިބުނު ހިތްދަތިކަމުން އަރައިގަނެވުނީ ވަރަށް ގިނަ ދުވަހުންނެވެ. މަންމަ އާއި އަންހެން 2 ކޮއްކޮ އަޅުގަނޑަށް ދިން ހިތްވަރުންނެވެ. އަދި އޮފީހުގައި އަޅުގަނޑުގެ ސެކެޓްރީއެއްގެ ވަޒީފާއަދާކުރާ ކުއްޖާ އަޅުގަނޑާއި ބެހެއްޓި ގާތްކަމުންނެވެ. މުޅިން ހަމަޖެހުމެއް ލިބުނީ އެކުއްޖާއާއި ކައިވެނިކޮށް އޭނާގެ އިޚްލާޞްތެރި ލޯބި ލިބެންފެށުމުންނެވެ. 
ޢާއިލާއިން މިހާރު ފިރިހެން ކޮއްކޮއަށް މާފުކޮށްފިއެވެ. ނަމަވެސް ގެއަށް ގެނައުމުގެ ބަދަލުގައި އެޕާޓްމަންޓެއްގަނެފައި ބަހައްޓަނީ އެތަނުގައެވެ. އޭނާވެސް ކައިވެނިކޮށް މިހާރުދަނީ ރަނގަޅު ގޮތުގައި ޢާއިލީ ދިރިއުޅުމެއް އުޅެމުންނެވެ. 
ޚަބަރުލިބޭ ގޮތުން މިހާރުވެސް އެއަންހެންކުއްޖާގެ މަސައްކަތަކީ ތަނަވަސް މީހުން މަޅީގައި ޖައްސުވައިގެން ފައިސާ ހޯދުމެވެ. އޭނާއަށް ﷲ ދެއްވަވާފައިވާ ރީތިކަމުގެ މަޅީގައި ގިނަބައަކު ދަނީ ޖެހެމުންނެވެ. 
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ލޯބިވެރިން ނުވަތަ އަނބިން ނުވަތަ ފިރިންގެ ކިބައިން ނަމަވެސް މިބާވަތުގެ ބޮޑެތި އަނިޔާތައް ލިބޭ ވަގުތުތަކުގައި އެންމެ މުހިންމީ ޢާއިލާގެ އެއްބާރުލުމާއި އެހީތެރިކަން ކަމަށެވެ. އަދި ހިނގާ ކަންކަމަށް އަންހެން ކޮއްކޮ ފަދައިން ޢާއިލާގެ ފާރަވެރިވުން ވަރަށް މުހިންމު ކަމަށެވެ. 
މިއަދުނޫހުގެ ކިޔުންތެރިންނަށް ޢާއިލީ ޒިންމާގެ ސުވާލެއްވެސް ކޮށްލާނަމެވެ. ކިތަންމެ ލޯބިވީނަމަވެސް އަޅުގަނޑުގެ ފިރިހެން ކޮއްކޮ އެކުރި ގޮތަށް ކަންކަން ކުރީމާ ހަމަ މާފުކުރެވޭނެ ހެއްޔެވެ؟ އަމިއްލަ ތަޖުރިބާއަށް ބަލައި އަޅުގަނޑަށް ބުނެވެން އޮތީ އެއީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ރަޙިމުގެ ގުޅުން ކެނޑިގެން ހިނގައިދާނެ މިފަދަ ކަންކަން ނުކުރުމަށް އެންމެންނަށް ނަބޭޙަތްތެރިވމެވެ. 
- ފިރާޤް / މިއަދުނޫހުގެ ކިޔުންތެރިއެއް   
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ