ހަވީރު ހައެއްގެ ފަހުން އައްޑޫގައި ފިހާރަތައް ހުޅުވާފައި ބެހެއްޓުމާއި ޑެލިވަރީގެ ހިދުމަތް ދިނުން މަނާ

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އޭޕްރިލް 22 ގައި ކޮށްފައިވާ އިއުލާނާއި އެޗްޕީއޭގެ އެންގުން އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން އައްޑޫގައި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އަލުން ކަނޑަޅައި ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސިޓީގެ އަވަށްތަކުގެ ސޯޝަލް ސަޕޯޓު ޑެސްކުތަކުން ހުއްދަ ދޫކޮށްފައިވާ ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެމުން ދެންދެވޭނީ ހެނދުނު 6:00 އިން ހަވީރު 6:00 އާ ދެމެދު ކަމަށާއި އެވަގުތުތައް ފިޔަވައި ފިހާރަތައް ހުޅުވުމާއި ޑެލިވަރީގެ ހިދުމަތް ދިނުން ވެސް މަނާވާނެ ކަމަށެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދެމުން ގެންދަންވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި އެނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓުތަކުން ހިދުމަތް ދިނުމާއި ޑެލިވަރީގެ ހިދުމަތް ދިނުން ވެސް މަނާވާނެ ކަމަށް އިއުލާނުގައިވެއެވެ.
މިގޮތަށް އެންގި ނަމަވެސް އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ވިޔަފާރިތަކަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގައި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރާ ފަރާތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ކަނޑައަޅާނީ އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް، ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ