އަދީބަށް 20 އަހަރުގެ އަދަބެއް، ހުކުމް ކުރުން ހަވީރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ. އެ އަޑުއެހުން ހަވީރަށް ތާވަލުކުރީ މިއަދު ހެނދުނު އަޑުއެހުމެއް ބޭއްވުމަށްފަހުއެވެ. 
ހެނދުނު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ހަތް ދައުވާއަށް އަންނާނެ އަދަބުތައް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ. 
އެގޮތުން ކޮންމެ ދައުވާއެއްގައިވާ ކުށަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އަސާސީ އަދަބު، ހާލަތާއި ކުށްކޮށްފައިވާ ގޮތަށް ބަލާ ދަރަޖަ މަތިކުރަން ޖެހޭ ދައުވާތަކަށް މަތިކުރުމަށްފަހު، ވަނީ އެއް ދަރަޖަ ތިރިކޮށްފައެވެ. އެއީ ކުށަށް އިއުތިރާފުވުމުން ލިބޭ ލުޔެކެވެ. 
އެގޮތުގެ މަތިން އަދީބުގެ ހަތް ދައުވާއަށް އަންނަ އަދަބުތަކަކީ؛ 
ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް
ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް 
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް 
މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން، 
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް 
މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް
އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭނާ ހުންނެވީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުރިއަށް ދާން ކަމަށެވެ. އޭނާ މިހާރު ވެސް ދައުލަތަށް އެއްބާރުލުންދެމުންދާ ކަމަށާއި ބައެއް ހެކިތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެކަންކަމަށް ރިއާޔަތްކޮށް ދިނުމަށް އެދުނެވެ. 
އެއްބަސްވުމުގައިވާ ގޮތުން އަދީބުގެ މައްޗަށް އަންނާނީ 20 ވަރަކަށް އަހަރުގެ ޖަލު ހުކުމެކެވެ. މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވީ އަދީބުގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށާއި އަދަބު ކަނޑައަޅައި، ހުކުމް ކުރުމުގެ އަޑުއެހުން މިއަދު ހަވީރު ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ