ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް ސަލާމަތީ ބާރުތަކުން ދަނީ މަސައްކަތް ކުރަމުން: އުމަރު

ސަލާމަތީ ގޮތުން ރާއްޖޭގެ ހާލަތު ހަމަޖެއްސުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ގޮވާޒާތުގެ ޑިވައިސްއެއް ކަމަށް ބެލެވޭ އެއްޗެއް މުލީއާގޭ ކައިރިން މިރޭ ފެނުމާ ގުޅިގެން ޓީވީއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، އެގޮތުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންނަށް ކުދިކުދި ތަކުލީފުތައް ކުރިމަތިވާނެ ކަމަށެވެ. "... އާއްމުންނަށް އަޅުގަނޑު ދަންނަވާނީ ސިޓުއޭޝަން ހަމަ ހަމަޖެއްސުމަށްޓަކައި ސަލާމަތީ ބާރުތަކުން ދަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނޭ. އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ އެކުގައި ހަމަ ތިއްބަވާށޭ. މިކަހަލަ ކުދިކުދި ތަކުލީފުތައް ބައެއް ފަހަރަށް އަންނާނޭ،" އުމަރު ވިދާޅުވިއެވެ. މާފަންނު ސްޓޭޑިއަމް ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި އޮތް އޮތުމާއި މެދު އުމަރު ވިދާޅުވީ އެއީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. ނަމަވެސް ލިބޭ މައުލޫމާތެއް ރަނގަޅަށް ބަލައި، އެ މައުލޫމާތެއް ނަފީ ކުރެވެންދެން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްގެން ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ މަސައްކަތަކީ، މުލީއާގޭ ސަރަހައްދުން ފެނުނު އެއްޗަކީ ގޮވާ އެއްޗެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށް ރައްކާތެރިކަމާ އެކު ބެލުން ކަމަށެވެ. "... ގޮވާ އެއްޗެއް ކަމަށް ތުހުމަތު ކުރެވޭތީވެ، އޭގެ ރައްކާތެރިކަމާ އެކުގައި މިހާރު މިވަނީ މާފަންނު ސްޓޭޑިއަމައަށް ގެންދެވިފައި. ސްޓޭޑިއަމްގައި ސިފައިން މިހާރު އެ ބައްލަވަނީ ގޮވާ އެއްޗެއްތޯ ނުވަތަ ނޫންތޯ. ގޮވާ އެއްޗެއް ކަމެއް އަދިއެއް ޔަގީނެއް ނުކުރެވޭ،" އުމަރު ވިދާޅުވިއެވެ. މިރޭ 6:30 ކަންހާއިރު ފުލުހުންނާއި ސިފައިން ގުޅިގެން ފެށި އޮޕަރޭޝަނުގައި މުލިއާގޭ ކައިރިން ފެނުނު އެތި މާފަންނު ސްޓޭޑިއަމަށް ގެންދިއުމަށްޓަކައި ސްޓޭޑިއަމުން މީހުން ހުސްކޮށް، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ