މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓްވެސް ނެރެފައެވެ. ވައިޓް އެލަރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން މިރޭ 21:00 ހަމައަށެވެ.
މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލަރޓްގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި, އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ،
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް އުތުރާއި އިތުރު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 5 ފޫޓު ހުންނާނެކަމަށްވެސް މޫސޫމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގެ ބައެއް ސަރަހައްދުތަކުގައި މިއަދު މެންދުރު ފެންބޮޑުވުމާއި ގުޅިގެން ސިފައިން ވަނީ ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. އަދި ބ. ހިތާދޫއިން އެ އަތޮޅު މުތާފުއްޓަށް ދަތުރުދިޔަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން އެނބުރި ރަށަށް ދަތުރުނުކުރެވުމުން، އެ މީހުންނަށްވެސް ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މުތާފުއްޓަށް ދަތުރުދިޔަ ޓީމުގައި 5 އަންހެނުންނާއި 6 ކުޑަކުދިން ހިމެނެއެވެ.
ރާއްޖެއަށް މޫސުމް ގޯސްވަމުން އަންނާތީ މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންނާއި، އެމްއެންޑީއެފުންވެސް އިލްތތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ