ކޮވިޑްބަލީގެ ހާލަތު ގޯސްވަމުންދާތީ ތައިލެންޑް ރައްޔިތުން ގޭގައިތިބުމަށް ބޮޑުވަޒީރު އިލްތިމާސްކުރައްވައިފި

ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން އާންމު ރައްޔިތުން ގޭގައި ތިބުމަށް ތައިލެންޑްގެ ބޮޑުވަޒީރު އިލްތިމާސް ކުރައްވައިފިއެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުޓް ޗަން-އޮ-ޗާ މިކަމަށް އިލްތިމާސް މި ކުރެއްވީ، ތައިލެންޑްގައި ކޮންމެ ދުވަހަކު އަލަށް ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެންނެވެ. ވެރިރަށް ބެންކޮކްގެ ހާލަތު މާބޮޑަށް ގޯސްކަމަށް ވެއެވެ.
ސަރުކާރުންވަނީ، ވެރިރަށް ބެންކޮކްވެސް ހިމެނޭގޮތުން، ތައިލެންޑްގެ 26 ޕްރޮވިންސެއް، ހައިރިސްކް ޒޯނުގެ ގޮތުގައި ކަނޑައަޅާފައެވެ.
އަދި އެ ޕްރޮވިންސްތަކުގެ މީހުން ވަޒީފާތަކަށް ނުނިކުމެ ގޭގައި މަސައްކަތް ކުރުމަށާއި، ޕްރޮވިންސްތަކުގެ މީހުންވެސް ޕްރޮވިންސަށްވުރެ ދުރަށް ނުދިއުމަށް ސަރުކާރުންވަނީ އަންގާފައެވެ.
ތައިލެންޑުގައި ކޮވިޑްބަލި އަލުން ހަލުވިކަމާއެކު ފެތުރޭންފެށީ، ބެންކޮކްގެ ދެކުނުގެ ސަމުޓު ސަޚޮން ޕްރޮވިންސްގެ ސީފުޑް މާރުކޭޓަކުންނާއި، ބެންކޮކްގެ އިރުމަތީ ރޭޔޮންގްގައި ހުންނަ ޖުވާކުޅޭ ތަންތަނުން ފެނިފައިވާ ކްލަސްޓަރތަކުންނެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުޓް މިއަދު ވިދާޅުވީ، ހަރުކަށި ލޮކްޑައުންއަކަށް ނުގޮސް ސަލާމަތް ވެވެންއޮތީ ބަލި ފެތުރުން ހުއްޓުވަން އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެކަމަށްޓަކައި ދަނޑިވަޅުގައި އާންމުން ގޭގައި ތިބެން ބޮޑުވަޒީރުވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަރުކަށި ލޮކްޑައުންއަކަށް ހިނގައްޖެނަމަ ގައުމުގެ އިގްތިސާދަށް ލިބޭނެ ގެއްލުންތައް ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ތައިލެންޑްގައި ކޮވިޑްބަލި އަލުން ފެށިއިރު، އެގައުމުން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ 8،439 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 65 މީހުންނެވެ.
ތައިލެންޑް ހިމެނެނީ މުޅި އެޝިޔާއަށް ބަލާއިރުވެސް މަދުބަޔަކަށް ބަލިޖެހި އަދި ބަލީގައި މަދުބަޔަކު މަރުވި ގައުމުތަކުގެ ތެރޭގައެވެ.
ތައިލެންޑުން މިހާރުވަނީ، ވެރިރަށް ބެންކޮކްގެ ރެސްޓޯރަންޓުތަކާއި، މަގުމަތީގައި ކާބޯތަކެތި ވިއްކާ ގާޑިޔާތަކުން ރޭގަނޑު 7:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު އެތަންތާ މީހުން ބައިތިއްބައިގެން ކެއިންބުއިމުގެ ޚިދުމަތްދިނުން މާދަމާއިން ފެށިގެން މަނާކޮށްފައެވެ.
މީގެއިތުރުން، ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ޕްރޮވިންސްތަކުގެ ގަވަރްނަރުންނަށް ސަރުކާރުންވަނީ ދީފައެވެ.
އަލަށް ޕޮޒިޓިވް ވަމުންދާ މީހުންގެތެރޭގައި ކިޔަވާކުދިންވެސް ގިނަ އަދަދަކަށް ހިމެނޭނީ، ތައިލެންޑް ސަރުކާރުން މިހާރުވަނީ ތައިލެންޑްގެ ހުރިހާ ހިސާބެއްގެ ސްކޫލްތަކާއި، ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ޑޭކެއަރ ސެންޓަރުތަކާއި، ޕްރީސްކޫލްތަކާއި، ޓިއުޝަން ސެންޓަރުތައް މިއަދުން ފެށިގެން އެއްމަސް ދުވަހަށް ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ