ޓެކްސް އެޕީލް ޓުރެބިއުނަލުގެ މެމްބަރު ކަމަށް 23 މެމްބަރެއްގެ ނަން ދިރާސާ ކުރުމަށް ކޮމެޓީއަށް

ޓެކުސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓެކުސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ގޮތުން 23 ބޭފުޅެއްގެ ނަންފުޅު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ހުށަހަޅައިފި އެވެ. ޓެކްސް އެޕީލް ޓުރެބިއުނަލުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި 23 ބޭފުޅުންނަކީ، ލ. މާވަށް ނަލަމަލަ، ނަޞްރުﷲ ޖަމީލް، ގ. މާވާރުލު ހަސަން ޒުހައިރު މުހައްމަދު، ގދ. ހޯނޑެއްދޫ ވައިލެޓް ފެހި، އާމިނަތު ފަރީޝާ، މއ. ޕެންޒީވިލާ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު، ގ. ގޮފި ފާތިމަތު މިންހަތު އިއްޒަތު، ގ. ސޮފޫރާ މަންޒިލް މުހައްމަދު މިމްރާހް، ބ. ތުޅާދޫ ގުލްބަހާރުގޭ އިބްރާހީމް އަފީފު، ދަފްތަރު ނަންބަރު 5295 / އަޙްމަދު ސާވީ، ގދ. ތިނަދޫ ހަލަވެލި، އަބްދުﷲ ހިލްމީ، ބ. އޭދަފުށި ޑޭޒީ ވިލާ، ފަޒުނާ މުހައްމަދު، މއ. ވިލާ ރޮދި އިސްމާއީލް ސާޖިދު، މ. ހަވީރީ ފިނި ޢަލީ ފާރިޝް، ހ. މުރެކްސް ޔޫސުފް އުމަރު، ސ. ހިތަދޫ ރީތިގަސްދޮށުގޭ މާޖިދާ މަޖުދީ، ހ. ދޮން އަންނާރުގޭ މުހައްމަދު ރަޝީދު އަހްމަދު، ހއ. ތަކަންދޫ ސާދާގެ، މުހައްމަދު ހަލީމް އަބްދުﷲ، ގ. ބަތަލާ ޙުސައިން ޝަމީމް، ބ. ތުޅާދޫ މާފިލާގެ، އާދަމް އާތިފް މުހައްމަދު، ނ. މާފަރު އީޓުޖެހިގޭ އަބްދުއްސަލާމް އާރިފް، ދ. މީދޫ ދޭލިޔާގޭ އަލީ މުފީދު، މ. ސަބްރާތު އަބްދުﷲ ޒުހައިރު، ހއ. ދިއްދޫ ޑޭޒީމާގޭ އަޙްމަދު ތައުފީގު އަދި ފުވައްމުލަކު ދިގުވާނޑު، ގަދަކޯޅިމާގޭ އަލީ ނަބީލެވެ. ޓްރައިބިއުނަލްގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި މާލީ، ޓެކްސް، ވިޔަފާރިއާއި އިޤްތިޞާދު ނުވަތު ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުން ހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވާންޖެހެ އެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވާންޖެހެ އެވެ. ހަމައެއާއެކު ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް އެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ. އަދި އެއްވެސް ސިޔާސީ މަގާމެއްގައި ނެތް މީހަކަށް ވާންޖެހެ އެވެ. ޓެކުސް ނެގުމުގެ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޓެކުސް އެޕީލް ޓްރައިބިއުނަލް އެކުވެލިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެތަނަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ