ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެކަން ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ވެސް ލިބިދެނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެެ ގޮނޑި ގެއްލުނު މައްސަލައާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެކަން ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީ އާއި ގާނޫނުތަކުން ވެސް އޮންނަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ވީހިނދު ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން ސާފުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންކަމުން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުގެއްލެ އެވެ. ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ މަޖިލީހުގެ މެންބަރުކަމެއް ނުގެއްލެ އެވެ،" މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެވާ ޙުކުމުގައި ބުނެފައިވަނީ، މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ ކަންކަމަށް އެ ހުކުމުގެ ބާރު ނުފޯރާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
މަޖިލީހުގެ ގޮނޑިގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ސްޕްރީމް ކޯޓަށް އެކަނި : ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ