2026 ވަނަ އަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފިއެވެ. މިކޮންފަރެންސް ފައްޓަވާ ދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢުއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު މަސައްކަތްތެރިންގެ ދަފްތަރެއް އޮތީ ސިވިލް ސަރވިސްގެ ދަށުގައެވެ. މިގޮތުން 35000 އަށްވުރެ މުވައްޒަފުންގެ ވަޒީފާއާއި ގުޅުންހުރި މުހިއްމު މަސައްކަތްތައް ސިވިލް ސަރވިސްގެ ދަށުން އަންނަނީ ކުރަމުންނެވެ. ސިވިލް ސަރވިސްގެ މަސައްކަތާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންމެ 2 އަހަރުން އެއްއަހަރު ސިވިލް ސަރވިސް ކޮންފަރެންސްތަކެއް އަންނަނީ ބާއްވަމުންނެވެ.
މިއަހަރުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރާއެކު ސިވިލް ސަރވިސްގެ ޚިދުމަތްތައް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން މި ކޮންފަރެންސްގެ ތެރޭގައި ސިވިލް ސަރވިސްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކާއި މިހާރު ދިމާވަމުންދާ މައްސަލަތަކާއި ގުޅެގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
"މިބާއްވާ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާގެ އަލީގައި އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދޭ ސިވިލް ސަރވިސްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވިގެންދާނެކަމަށް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްވެސް މަޝްވަރާކުރެވޭނެކަމަށް އުއްމީދުކުރަނީ" މުޖުތާޒް ވިދާޅުވިއެވެ.
މުޖުތާޒު ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން މުސާރައިގެ ކުރިއެރުން އައިސްފައިނުވާ އެތައް ސިވިލް ސަރވަންޓުންގެ މުސާރައިގެ ކުރިއެރުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދީފައިވާ ކަމަށެވެ.
ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ މިއަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސަކީ މިފަދަ 5 ވަނަ ކޮންފަރެންސެވެ. މިއަހަރުގެ ކޮންފަރެންސްގައި 8 ދާއިރާއަކުން 18 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައެވެ. މިފަދަ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ 2014 ވަނަ އަހަރުގައެވެ. ފުރަތަމަ ކޮންފަރެންސްގައި 80 އެއްހާ ސިވިލް ސަރވެންޓުން ބައިވެރިވެފައިވާއިރު މިއަހަރުގެ ކޮންފަރެންސްގައި 300 އެއްހާ ފަރާތުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުންވަނީ ބައިވެރިވެފައެވެ.
މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ 2026 އިން 2030 ހުގެ ނިޔަލަށް ސިވިލް ސަރވިސްގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައެވެ. ހަމައެއާއެކު ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތްވަނީ ނެރެފައެވެ.
މިކޮންފަރެންސްގެ އަލީގައި ޤައުމީ ފެންވަރުގައި ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތް ހަރުދަނާކުރުމަށް މަސައްކަތްކުރެވި، މާލެއާއި އަތޮޅުތަކުގައި ތިބޭ މުވައްޒަފުންގެ ފަރަޤުކުޑަކުރެވޭނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. ހަމައެއާއެކު އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރެވޭނެއެވެ.
ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ