ނިލަންދޫ ނަރުދަމާ ނިޒާމު: ޕަންޕިންގ ސްޓޭޝަންގެ މަސައްކަތް ކުރިއަށް

ފ.ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ މަސައްކަތުގައި މިހާރު ކުރަމުންދަނީ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތްތައްކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވެއްޖެއެވެ.
ނަރުދަމާގެ މައްސަލައަކީ ނިލަންދޫއަށް ޒަމާނުއްސުރެވެސް ދިމާވެފައިވާ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެތެރޭގައެވެ.
ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ، އެމްޑަބްލިޔުއެސްއީއާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 69.6 މިލިޔަން ރުފިޔާއެވެ. މަޝްރޫޢުގެ މުއްދަތަކީ 720 ދުވަހެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، އެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށްދާކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މަގުތަކުގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ނިމި، ރަށުގެ 5 ސަރަހައްދެއްގައި ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
"އަދުގެ ސަރުކާރުން ނިލަންދޫ ރައްޔިތުންގެ އަޑުއައްސަވާ ނިލަންދޫގައި ޒަމާނީ ފެންވަރެއްގެ ނަރުދަމާ ނިޒާމެއްގެ މަސައްކަތް ފެށި މިހާރު އެބަދޭ ބާރު ސްޕީޑުގައި. ގާތަގަނޑަކަށް އޭގެ 40އައްކަ އިންސައްތަ މަސައްކަތް ވަނީ ނިމިފައި. މިވަގުތު ރަށުގަ އާބާދުވަމުންދާ ސަރަހައްދުތަކުގައި ހޮޅި އެޅުމުގެ މަސައްކަތްތައް ނިމި ރަށުގެ 5 ސަރަހައްދެއްގައި ޓޭންކުހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ." ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވިއެވެ.
ފ.ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ތެރޭގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މިއާއި ގުޅުން ހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.
ނިލަންދޫގައި މިހާރު ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމަކީ ސުނާމީއާ ގުޅިގެން ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ހިންގާފައިވާ މަޝްރޫއެކެވެ. ނަރުދަމާ މައްސަލަޖެހި އެކަމުގެ އުނދަގޫ އެރަށުގެ ރައްޔިތުން ތަހައްމަލުކުރާތާ އެތައް ދުވަހެއްވަނީ ވެފައެވެ.
ނިމުނު ދެ ސަރުކާރުންވެސް ވަނީ ނިލަންދޫ ނަރުދަމާގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމަށް އައު ނަރުދަމާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް ޢަމަލީ ގޮތުން މަސައްކަތް ކުރިއަށްނުދާކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.
މިހާރު އެރަށުގައި ކުރިއަށްގެންދާ އައު ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު، އެރަށުގެ ނަރުދަމާގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ