އަހަރެންގެ ފިޓްނަސްއާމެދު ސުވާލު ނުއުފައްދާ، މެޗުތައް ބަލާ: ކްރިސްޓިއާނޯ ރޮނާލްޑޯ

އުމުރުން 41 އަހަރުގައި އޭނާގެ ކެރިއަރުގެ 6 ވަނަ ފީފާ ވޯލްޑް ކަޕާ ކުރިމަތިލާއިރު، ހަށިގަނޑުގެ ފިޓްނަސްއާ މެދު އުފެދިފައިވާ ހުރިހާ ސުވާލުތަކަކަށް ޕޯޗުގަލްގެ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ ހޫނު ރައްދެއް ދީފިއެވެ. އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި އޭނާގެ ފެންވަރާ މެދު ކުރި ސުވާލުތަކަށް ރޮނާލްޑޯ ރައްދުދިނީ މަލާމާތުގެ ރާގަކަށެވެ. "ތި އެންމެން އަހަރެން ކުޅޭ މެޗުތައް ނުބަލަނީތަ؟" މިހެން އަހައި، ރޮނާލްޑޯ ވަނީ ދަނޑުމަތީގައި އޭނާ ދައްކަމުންދާ ކުޅުމުން ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެކަން ހާމަކޮށްފައެވެ. އޭނާ ބުނިގޮތުގައި މުބާރާތުގެ ކުރިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަކީ ޓީމެއްގެ ހަގީގީ ފެންވަރު ވަޒަންކުރެވޭނެ އެއްޗެއް ނޫނެވެ. މިފަހަރުގެ މުބާރާތަށް ޕޯޗުގަލް ޓީމު ނުކުންނަނީ ވަރަށް ބޮޑު އުންމީދަކާ އެކު ކަމަށާއި، ތަޖުރިބާކާރު ކުޅުންތެރިންނާއި ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު ދުނިޔޭގެ އެންމެ ޝަރަފުވެރި ތަށި ހޯދުމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރޮނާލްޑޯ ބުންޏެވެ. ފުޓްބޯޅައިގެ ތާރީޚުގައި 6 ވޯލްޑް ކަޕް ކުޅުމުގެ ޝަރަފު ހޯދާ މަދު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނިގެންދާއިރު، ތަށި އުފުލާލެވޭނެތޯ އެހުމުން ރޮނާލްޑޯ ދިނީ ވަރަށް ވިސްނުންތެރި ޖަވާބެކެވެ. އޭނާއާއި ކޯޗު ރޮބާޓޯ މާޓިނޭޒްގެ ވިސްނުމަކީ މާ ދުރަށް ނުބަލައި ކޮންމެ މެޗަކަށް ވަކިން ތައްޔާރުވުން ކަމަށް ބުންޏެވެ. މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުރީ ޕޯޗުގަލްއާ އެކު އޭނާ ލިޔަން މިދާ ތާރީޚީ ފަހު ސަފުހާއަށެވެ. ވޯލްޑް ކަޕަށް ޕޯޗުގަލް ޓީމު ވަނީ މިހާރު އެމެރިކާއަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ