ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށައަޅަފައިވާ ދައުވާ
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ޖުމްހުރީ ޕާޓީން ހުށައަޅަފައިވާ ދައުވާއަށް ދެކޮޅު ނަހަދާކަމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓްގައި ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ނައިފަރު ދާއިރާއަށް ވާދަކުރި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހްމަދު މުހައްމަދާއި ވާދަކޮށް ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި އަހުމަދު ޝިޔާމެވެ. އޭނާ ގޮނޑި ކާމިޔާބުކުރިތާ ދެ ދުވަހުގެތެރޭ ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.
އިންތިޚާބު ބާތިލްކުރުމަށް އެދި ޖުމްހޫރީ ޕާޓީން ހުށައެޅި މައްސަލާގައި ބުނެފައިވަނީ މަނާގަޑީގައި ކެމްޕެއިން އަދި އެންޓި ކެމްޕެއިން ކޮށްފައިވާކަމަށެވެ. އަދި ހަމަ އެގަޑީގައި ކޯލިޝަންގެ ނަމުގައި ވަކި މީހަކަށް ވޯޓް ދިނުމަށް ފޭކް އެސްއެމްއެސް ފޮނުވާފައިވާކަމަށްވެސް ޖުމްހުރީ ޕާޓީގެ ދައުވާގައި ބުނެފައިވެއެވެ.
މި ދައުވާއަށް ޖަވާބްދާރީވަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މައްސަލަ ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮމްޕްލެއިންސް ބިއުރޯއަށްވެސް ހުށައަޅާފައިވާކަމަށެވެ. އެ މައްސަލަ ބަލަމުންދާކަމަށާއި އެކަމާމެދު މިހާތަނަށްވެސް ގޮތެއް ނުނިންމިފައިވަނީ އެ މައްސަލައާއި ބެހޭ ކަންތައްތަކެއް ކަމާއި ބެހޭ ފަރާތަށް މެދުވެރިކޮށް ސާފުކުރަމުންދާތީކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ވަކީލް ވިދާޅުވިއެވެ. އަދި މި މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމާދިނުމަށް އެދޭކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލަވައްމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީކަމަށެވެ.
އެހެންނަމަވެސް ހެތްކަކު ހާޒިރު ކުރަންޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެކަމަށާއި އެހެން ނޫންނަމަ ދެން އޮންނާނީ ހުކުމްކުރުންކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ