މަރުކަޒީ ބޭންކުން 2018 ވަނަ އަހަރުގެ ބަޖެޓަށް ތާއީދުކޮށްފި
ލޯނު އެހީގެ ދަށުން ހިންގަން ރާވާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން މުސްތަޤްބަލުގައި ދިވެހިރާއްޖެ ތަރައްގީވެ، އިޤްތިޞާދު އިތުރަށް ފުޅާވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި ތަރައްގީއަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މައިގަނޑު ފަސް ނުކުތާއެއް މަރުކަޒީ ބޭންކުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.އެގޮތުން ބަޖެޓުގައި ލަފާކޮށްފައިވާ ކަންތައްތައް ހާސިލް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެޕްރޮޕްރިއޭޝަން އެކްޓެއް ފާސްކުރުމަށާއި ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތައް ފުރިހަމަ ކުރެވޭ މިންވަރު ބެލުމަށްޓަކައި އަހަރުގެ މެދު ތެރޭގައި މަޖިލީހުން ރިޕޯޓެއް ތައްޔާރު ކުރުމަށް ލަފާ ދީފައިވެއެވެ. އަދި ހަމައެއާއެކު އެކަށީގެންވާ ދިރާސާތަކެއް ކުރުމަށްފަހު ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި އާމްދަނީގެ ހަމަހަމަކަން ޔަގީން ކުރުމަށްޓަކައި އަމިއްލަ ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް ނުވަތަ ޕަރސަނަލް އިންކަމް ޓެކްސް ނަގަން ފެށުމަށް ވެސް އެ ބަޔާނުގައި އެމްއެމްއޭއިން ލަފާދީފައިވެއެވެ.މީގެ އިތުރުން ބޭރު ފައިސާ ގަނެ ވިއްކާ އަގުތައް ނުވަތަ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށާއި ރާއްޖޭގެ ރަސްމީ ރިޒަރވް އިތުރު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަމަށް ވެސް މަރުކަޒީ ބޭންކުގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ. އަދި ހަމައެއާއެކު ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކަކީ ހުރިހާ މުވައްޒަފުންނަށް އިންސާފުވެރި ބަދަލުތަކަކަށް ހެދުމަށްޓަކައި، ޕަރފޯމަންސް ބޭސްޑް އެލަވެންސް ސިސްޓަމެއް ތަޢާރަފް ކުރުމަށް ވެސް މަރުކަޒީ ބޭންކުން ލަފާދީފައިވެއެވެ.އެންމެ ފަހު ނުކުތާއެއްގެ ގޮތުން މަރުކަޒީ ބޭންކުން ބުނީ ލަފާކޮށްފައިވާ އާމްދަނީ ނުވަތަ ޕްރޮޖެކްޓްތަކަށް ދައްކާ ފައިސާ މަދުވާ ފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށްޓަކައި ޕްލޭނެއް އެކުލަވާލުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.2018 ވަނަ އަހަރުގެ ބަޖެޓަށް ތާއީދުކޮށް މަރުކަޒީ ބޭންކުން ބުނީ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ