ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީއިން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ތާޢީދުކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދަށްކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޝާހިދު މިކަން އިއުލާންކުރެއްވީ ރައީސް ނަޝީދާއި ޝާހިދު އެކުގައި ތިއްބަވާ ފޮޓޯއަކާއިއެކު ކުރެއްވި ޓުވީޓެއްގައެވެ.
MDP ge Riyaasee Primary 2018 ga alhugandu thaaeedh kuranee Raees @MohamedNasheed ah! pic.twitter.com/6kJaKVqnFP
ޓުވީޓާއި ގުޅިގެން ރާއްޖެ.އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ "މިވަގުތު ދިވެހި ރައްޔިތުން ދެކެމުން މިދާ ނާމާން، ބިރުވެރި މާހައުލުން އަމާން ބަނދަރަކަށް މިރާއްޖެ ގެންގޮސްދެއްވޭނީ ރައީސް ނަޝީދަށް" ކަމަށެވެ.
"ބޭނުންވަނީ އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ އެދުންތަކަށް އިޖާބަ ދޭނެ ވެރިއެއް. އެއީ ރައީސް ނަޝީދު،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދުވަނީ މީގެ ކުރިންވެސް އެމަނިކުފާނު ހުންނަވާނީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައިކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް މިމަހުގެ 15ވަނަ ދުވަހު ހުޅުވާލާއިރު، ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރައްވާނެކަން އަދި އިއުލާންކޮށްފައިވަނީ ހަމައެކަނި ރައީސް ނަޝީދެވެ. އެމަނިކުފާނު ވަނީ މިހާރު ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައެވެ. ޕްރައިމަރީގައި ރައީސް ނަޝީދުގެ ކެމްޕޭން މެނޭޖަރއަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ރައީސް ނަޝީދު ފައްޓަވާފައިވާއިރު، އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައެވެ. ޕާޓީތަކުން ބުނީ އެއް ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓުންގެ މެދުގައިކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު އިއުލާންކުރެއްވިނަމަވެސް، ޖަލު ހުކުމެއްގައި ހުންނެވުމުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު މިއޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނުލިބޭނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ދާދިފަހުން ވިދާޅުވީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ދޭނެކަމަށެވެ.
އަނެއްކޮޅުން ސަރުކާރުން ބުނަމުން ދަނީ އެފުރުސަތު ނުދޭނެކަމަށެވެ. އޯލްޕާޓީ ޓޯކްސްގެ ޗެއަރ އަދި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު ނޯންނާނެކަމަށެވެ. އަދި ދާދިފަހުން ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އދއިން ނިންމިޔަސް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޕްރައިމަރީގައި ތާޢީދުކުރަނީ ނަޝީދަށް، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދެއްވާނެ: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ