ޓެނިސް ވޯލްޑް ކަޕުގެ ކޮލިފިކޭޝަނަށް ދާ ޓީމާމެދު އުނމީދު ބޮޑު: ކޯޗު

ޓެނިހުގެ ވޯލްޑް ކަޕް ކަމަށްވާ، ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ، ފައިނަލް ކޮލިފިކޭޝަނަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޒުވާން ގައުމީ ޓީމާމެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށާއި، ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކާއި ދެކޮޅަށް ނިކުންނަން ޖެހުނަސް ހިތްވަރު ދޫކޮށްނުލާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ރިޒާ ބުނެފިއެވެ.
ކަޒަކިސްތާނުގައި މިމަހު އޮންނަ ފައިނަލް ކޮލިފިކޭޝަނަށް ޓީމު ތައްޔާރުވަކުރަމުން އަންނަ ކޯޗު ބުނީ، މިހާރު މިއޮތީ ވަރަށް ރަނގަޅު ހިސާބަކަށް އާދެވިފައި ކަމަށެވެ. މިދިޔަ މަހު ލަންކާގައި އޮތް ޕްރީ ކޮލިފައިންގައި ރާއްޖެ ހަތަރު މެޗުން މޮޅުވެ، ބަލިވީ މުބާރާތް ބޭއްވި ގައުމު ސްރީލަންކާ އަތުންކަން އެކަނިކަން ފާހަގަކޮށް ކޯޗު ބުނީ މިއީ ވަރަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
ހުރިހާ ކުޅުންތެރިން އެ ދައްކާ ކުޅުމާއި، ނެރޭ ހިތްވަރާއި މެދު ފަޚުރުވެރިވާކަމަށާއި، ރާއްޖެ ފައިނަލް ބުރަށް ކޮލިފައިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް ކޯޗު ފާހަގަކުރިއެވެ.
"އަހަންނަށް އެބަފެނޭ މިކުޅުންތެރިން ރަނގަޅު ލެވެލަކަށް ދާތަން. ޕަސެންޓޭޖް އޮފް ޕްރޮގްރެސް މިހާރު ރަނގަޅު، އުންމީދު ކަނޑައެއް ނުލާނަން. ކަޒަކިސްތާނުގައި ވާދަކުރަން މި ޖެހެނީ ޗައިނާ، ޖަޕާން ކަހަަލަ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރި ތިބޭ ގައުމުތަކާއި. އެއީ ވަރަށް ޓަފް ޕްލޭޔާސް. ވަރަށް ސްޓްރޯންގް އޮޕޯނެންޓްސް. އެކަމަކު އަހަރުމެން 100 ޕަސެންޓް ދޭނަން. ވަރަށް ބުރަ މަސައްކަތް ކުރާނަށް ޔަގީނުންވެސް ގިވްއަޕެއް ނުކުރާނަން" ކޯޗު ބުންޏެވެ.
ކޯޗު ބުނީ މުބާރާތަށް ޒުވާން އަންހެން ޓީމު ތައްޔާރުކުރުމަށް މިހާރު ދުވާލަކު ތިން ގަޑިއެއްހާއިރު ފަރިތަކުރުންތައް ކުރިޔަށް ގެންދާ ކަމަށެވެ. މި އަހަރުގެ ބިލީ ޖީން ކިންގް ކަޕް ޖޫނިއާސް، އޭޝިއާ/އޯޝޭނިއާ ޒޯންގެ ފައިނަލް ކޮލިފައިން ބުރުން ޖާގާ ހޯދާ ޖޫނިއާ ޓީމުން މިވަނީ ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ބިލީ ޖީން ކިންގްކަޕް ޖޫނިއާސް އަކީ އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން، އައިޓީއެފް އާއި އޭޝިއަން ޓެނިސް ފެޑެރޭޝަން، އޭޓީއެފް ގުޅިގެން 16 އަހަރުން ދަށުގެ އަންހެން ޓެނިސް ކުޅުންތެރިންނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ޝަރަފުވެރި ޓީމު އިވެންޓެވެ.
ޓެނިހުގެ އަންހެން ވޯލްޑްކަޕް ކަމަށްވާ، ބިލީ ޖީން ކިންގް ކަޕްގެ 16 އަހަރުން ދަށުގެ މުބާރާތުގެ އޭޝިއާ/ އޯޝޭނިއާ ކޮލިފިކޭޝަންގެ ފައިނަލް ކޮލިފިކޭޝަނަށް ރާއްޖެ ދަތުރު ކުރީ ސްރީ ލަންކާގައި އޮތް ޕްރީ ކޮލިފިކޭޝަނުގައި ހޯދި ބޮޑު މޮޅާއެކުގައެވެ. މާޗް 16 ން 21 އަށް ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ޕްރީ ކޮލިފައިން މުބާރާތުގެ ތިންވަނަ ހޯދައިގެން ފައިނަލް ބުރުގެ ޖާގަ ހޯދި ރާއްޖެ ފައިނަލް ބުރުގައި، މެއި 11 ން 16 އަށް ކަޒަކިސްތާނުގެ ޝިމްކެންޓުގައި ނިކުންނަން ޖެހެނީ ދުނިޔޭގެ އެންމެ މޮޅު ގައުމުތަކާއި ދެކޮޅަށެވެ. އޭގެތެރޭގައި ޗައިނާ، ޖަޕާން ސިންގަޕޫރު އަދި މުބާރާތް ބާއްވާ، ކަޒަކިސްތާނު ހިމެނެއެވެ. އެ މެޗުތައް ފަސޭހަނުވާނެކަން އެނގޭ ކަމަށާއި، އެހެންނަމަވެސް އުންމީދަކީ ވަރުގަދަ ވާދައެއްކޮށް ރާއްޖެ ފަޚުރުވެރިކޮށްދިނުން ކަމަށް މުބާރާތަށް ދާ ޓީމުގެ ކުޅުންތެރިން ބުނެއެވެ.
މާލޭ ޓެނިސް ސްޓޭޑިއަމްގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން މުބާރާތަށްދާ ތިން ކުޅުންތެރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، އުންމީދަކީ ހިތްވަރާއެކު ކުޅެ ދެން އޮތް ލެވެލަށް ދިއުން ކަމަށެވެ. އަދި މި މުބާރާތުން ރާއްޖެއަށް ރަނގަޅު ނަމެއް ހޯދައިދީ ރާއްޖެ ފަޚުރުވެރިކޮށްދިނުން ކަމަށެވެ.
މިއީ ރާއްޖޭގެ ޓެނިހުގެ ތާރީޚުގައި މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކުރިއެރުމެވެ. 16 އަހަރުން ދަށުގެ ޓީމެއް ޓެނިހުގެ ވޯލްޑްކަޕް ކޮލިފައިންގެ ފައިނަލް ކޮލިފިކޭޝަށް ދަތުރުކުރުމަކީ މިހާތަނަށް ޓެނިހުގައި ރާއްޖެއަށް ދެވުނު އެންމެ ދުރެވެ. ނުވަތަ ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
"ވަރަށް ވަރުގަދަ ފަރިތަކުރުންތަކެއް ކުރިޔަށް މިގެންދަނީ އެހެންވީމަ ވަރަށް އުންމީދުކުރެވޭ އަހަރުމެން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށް. އެސޯސިއޭޝަނާއި ކޯޗުން މި ދޭ އެހީތެރިކަން ފާހަގަކުރަން ވަރަށް ފައިދާހުރި މަސައްކަތެއް އެ ކޮށްދެނީ. އުންމީދު ކުރަން ކަޒަކިސްތާނުގައި އަޅުގަނޑުމެން ރާއްޖެ ފަޚުރުވެރިކޮށްދޭނަން" މި މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނޭ ކިޔާރާ އުސާމާ އަލީ ބުންޏެވެ.
ލަންކާގައި ޕްރީ ކޮލިފިކޭޝަނުގައި ވާދަކުރި ނަބާ ނިޝާންގެ ބަދަލުގައި، މުބާރާތަށް ދާ އައިޝަތު ކަރިން ސައިޒާން، ބުނީ ފުރަން ވަރަށް ކައިރިވެފައިވާއިރު ރަނގަޅު ޕްރެކްޓިސްތަކެއް ބާއްވަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް ދުރަކަށް ގޮސް ދެން އޮންނަ ލެވެލަށް ކޮލިފައިވުން ކަމަށެވެ.
ޓީމުގައި ހިމެނޭ މަންހާ މުހައްމަދު ބުނީ ކިތަންމެ ވަރުގަދަ ޓީމުތަކަކާއި ވާދަކުރަން ޖެހުނަސް، ހިތްވަރު ދޫކޮށްނުލާ ވަރުގަދަ ފައިޓެއް ދޭނެ ކަމަށެވެ.
"ކަޒަކިސްތާނުގައި ފައިނަލް ކުޅޭއިރު އަޅުގަނޑުމެން ވާދަކުރަންޖެހެނީ ވަރަށް މޮޅު ޓީމުތަކާ، އެކަމަކުވެސް އަޅުގަނޑުމެންގެ އުންމީދަކީ ވަރަށް ރަނގަޅަށް ޕާފޯމް ކޮށް ރާއްޖެއަށް ރަނގަޅު ނަމެއް ލިބުން" މަންހާ ބުންޏެވެ.
ގައުމީ ކޯޗު، އީރާނުގެ އަލީ ރިޒާ ބުނީ މިފަދަ ފެންވަރު މަތި މުބާރާތެއްގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ވާދަކުރަން ފުރުސަތު ލިބުމަކީ މި ޓީމަށް ލިބޭ ވަރަށް މުހިންމު
ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.
"މިއީ މި ކުދިންގެ ޓެނިސް ކެރިއާގައިލިބޭ ވަރަށް މުހިންމު ބޮޑޫ ފުރުސަތެއް. އަހަރެން ނުބުނާނަށް މި ކުޅުންތެރިން މިދަނީ ހަމައެކަނި ތަޖުރިބާ ހޯދައިގެން އެނބުރި އަންނާށެކޭ، މިދަނީ ރަނގަޅު ނަތީޖާއެއް ހޯދަން. ވީ ގޮނަ ޓްރައި އަވާ ބެސްޓް ފޯ ޝުއާ" ކޯޗު ބުންޏެވެ.
މިމުބާރާތަށް ދާ އެޓްލީޓުން ކަޒަކިސްތާނަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ